ދިވެހިރާއްޖޭގޭ އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުން "އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023" 14 ޓީމާއި އެކު އިއްޔެ ހަވީރު ފަށައިފިއެވެ.

މި މުބާރާތަކީ ރާއްޖޭގެ ކޮލެޖް ޔުނިވަސިޓީ އަދި ތައުލީމާއި ތަމްރީންދޭ މަރުކަޒުތަކަށް ހާއްސަކުރެވިގެން ކުރިއަށް ގެންދާ ހަމަ އެކަނި ހޭންޑްބޯޅަ މުބާރާތެވެ.

މުބާރާތް ފެށުމަށް ގައުމީ ހޭންޑްބޯޅަ ދަނޑުގައި އިއްޔަ ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓް އަހްމަދު މަހްލޫފް އެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީވެސް އެ މިނިސްޓްރީ އެވެ.

ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން މިނިސްޓަރު މަހްލޫފް ވަނީ ހުރިހާ ޓީމުތަކުންވެސް މަރުހަބާ ދެންނެވުމަށްފަހު، މޮޅު ކުޅުމެއް ފެނިގެންދާނެ ކަމުގައި އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެ ރަސްމިއްޔާތަށްފަހު މުބާރާތުގެ ފުރަތަމަ މެޗް ބައްލަވާލުމަށް މިނިސްޓަރު މަޑުކުރެއްވި އެވެ.

ފެށުމުގެ ރަސްމިއްޔާތަށްފަހު ފުރަތަމަ މެޗްގައި ބައްދަލުކުރީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އަދި ވިލާ ކޮލެޖެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ: ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް

އިސްލާމިކް ޔުނިވާސިޓީ ދަރިވަރުންގެ ގުޅުމުން ބުނާ ގޮތުގައި މި މުބާރާތުގެ ގަވާއިދު އެކުލަވާލާފައި ވަނީ ގައުމީ ޓީމަށް އެއްވެސް އިރެއްގައި ކުޅުނު ކުޅުންތެރިއަކަށް ބައިވެރި ނުވެވޭ ގޮތަށެވެ. އެހެންކަމުން މި މުބާރާތްވެގެން ދާނީ ހޭންޑްބޯޅަ ކުޅުމަށް ޝައުގުވެރިވާ ކުދިން ކުރިއަރައިގެން ދިއުމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތަކަށް ކަމަށް ގަބޫލު ކުރެއެވެ.

"ހަމަ ގައިމުވެސް މި މުބާރާތުން އެތައް ހުނަރުވެރި ކުޅުންތެރިންތަކަކަށް ހޭންޑްބޯޅަ އެސޯސިއޭޝަންގެ ޝައުގުވެރިކަންވެސް ހުއްޓިގެން ދާނެ، އެކި ކްލަބްތަކުގެ ސަމާލުކަންވެސް، އަޅުގަނޑު ގަބޫލުކުރަނީ މި މުބާރާތަކީ ހޭންޑްބޯޅަ ކުޅުމަށް ޝައުގުވެރިވާ ބޭފުޅުން ކުރި އަރައިގެން ދިއުމަށް ލިބޭނެ މުހިންމު ފުރުސަތެއް ކަމަށް،" މުބާރާތުގެ ޗެއާމަން، އަދި އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުން (އައިޔޫއެމްއެސްޔޫ) ގެ ރައީސް ހުސައިން އަރުބާން ފައްވާޒް ބުންޏެވެ.

އޭނާ ވަނީ ކުޅިވަރުގެ ރޫހާއި އެއްގޮތަށް، ފޯރިގަދަކޮށް މުބާރާތް ނިންމާލުމަށް ހުރިހާ ޓީމުތަކަށްވެސް އިލްތިމާސް ކޮށްފައެެވެ.

މުބާރާތުގެ ޗެއާމަން އަރުބާން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް

އެ މުބާރާތުގެ ފިރިހެން ބައިގައި ހަ ޓީމު އަދި އަންހެން ބައިގައި އަށް ޓީމު ވާދަކުރާނެވެ. ފިރިހެން ބައިގެ ގްރޫޕް އޭގައި ހިމެނެނީ މެޕްސް ކޮލެޖް، ކްލިކް ކޮލެޖް އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ވިލާ ކޮލެޖު ސްޓޫޑަންޓްސް އެސޯސިއޭޝަނާއި އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމާއި އެމްއައި ކޮލެޖްގެ ސްޓޫޑެންޓް ޔޫނިއަން އެވެ.

މުބާރާތުގެ އަންހެން ބައިގެ ގްރޫޕް އޭގައި ހިމެނެނީ ވިލާކޮލެޖު ސްޓޫޑަންޓްސް އެސޯސިއޭޝަނާއި، ގައުމީ ޔުނިވާސިޓީގެ އިތުރުން އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމާއި މެޕްސް ކޮލެޖެެ އެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ އެމްއައި ކޮލެޖް ސްޓޫޑެންޓް ޔޫނިއަންއާއި، ޒިކުރާ ކޮލެޖްގެ ސްޓޫޑެންޓް ޔޫނިއަންގެ އިތުރުން މޯލްޑިވްސް ބިޒްނަސް ސްކޫލް އަދި ކްލިކް ކޮލެޖް އެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023؛ ވާދައިގެ ތަަށި - ވަގުތު އިމޭޖްސް

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023 ގެ ޓައިޓަލް ސޮޕްންސަރަކީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓެވެ. ކޯ ސްޕޮންސަރުންނަކީ ރީޖަނަލް އެއާޕޯޓްސް (އާރުއޭސީއެލް)، އެފްއެސްއެމް އަދި އެމްޕީއެލް އެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ ސޭލްސްކޯ އަދި ކިއުރާ އެވެ. މީޑީޔާ ޕާޓްނަރަކީ "ވަގުތު" އެވެ. ޕީއާރު ޕާޓްނަރަކީ ސޯސަލް އެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. ބެވްރެޖް ޕާޓްނަރަކީ ހޭޕީ މާކެޓް އަދި ކޮކާކޯލާ އެވެ. އެޕެރަލް ޕާޓްނަރަކީ ހެޕްޓާ އެވެ. ޕްރިންޓިންގް ޕާޓްނަރަކީ ގްރެފައިޓް އެވެ.