ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް މީގެ ކުރިން ކަނޑައެޅުމުން ސުވާލު އުފެދި އެކަމުގައި ގޮތެއް ނިންމައިދިނުމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެ މައްސަލައިގައި ކޯޓުން ނިންމާ ގޮތަކުން ބައިއިލެކްޝަންތައް ބާއްވަން ތައްޔާރުކަމަށް އިލެކްޝަންސް ކޮމިޝަން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ގޮނޑިތަކުގެ ބައި އިލެކްޝަންތައް ބޭއްވުމަށް އެއްވެސް މަސައްކަތެއް ކުރައްވަންތޯ "ވަގުތު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، 12 މެންބަރުންގެ މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާ ގޮތެއްގެ މައްޗަށް ބިނާކޮށް ބައި އިލެކްޝަނަށް އިޢުލާނު ކުރައްވާނެކަމަށެވެ.

"ކޯޓުން 12 މެންބަރުންގެ މައްސަލަ ނިމޭ ގޮތެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން (އިލެކްޝަންސް ކޮމިޝަނުން) ބައި އިލެކްޝަނަށް ކޯލް ކުރާނަން." އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ ބައި-އިލެކްޝަންގެ މަސައްކަތަށް ތައްޔާރުވުމުގެ މަސައްކަތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތާ އެކީގައި މިހާރުވެސް އެ ކޮމިޝަނުން ކުރަމުން ގެންދާކަމަށާއި، ނަމަވެސް ބައި-އިލެކްޝަނަށް ބޭނުންވާ ބަޖެޓް އަދި ލިބިފައި ނުވާކަމަށެވެ.

"ނޯޓް ކޮށްލަންޖެހޭ މުހިންމު ޕޮއިންޓަކީ މިކަމަކީ (ބައި-އިލެކްޝަނުގެ މަސައްކަތަކީ) އަދި އިލެކްޝަންސް ކޮމިޝަނަށް ބަޖެޓް ލިބިފައި ނުވާކަމަކަށްވާތީވެ، ބައި-އިލެކްޝަން ބޭއްވުމަށްޓަކައި ބޭނުންވާނެ ބަޖެޓް ފޯމިއުލޭޓްކޮށް އަދި ފައިނޭންސް މިނިސްޓަރީއަށް އަޅުގަނޑުމެން ވަރަށް އަވަހަށް އެ ބަޖެޓް ހޯދުމަށް ފޮނުވާނަން" ބައި-އިލެކްޝަނަށް ވަމުންދާ ތައްޔާރީތައް ހާމަކުރައްވާ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ހުސްވެފައިވާކަމަށް ދިވެޖިރާއްޖޭގެ ސްޕްރީމް ކޯޓުން ހުކުމް ކޮށްފިނަމަ، އެ ދާއިރާތަކުގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުންދާކަމަށް ވިދާޅުވިއިރު، މިއަހަރުގެ ފަހުކޮޅު ބާއްވާ ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް އެ ކޮމިޝަނުން އަންނަނީ ބާރު ދުވެލީގައި ކުރިއަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު