ދީނީ ހަރުކަށި ފިކުރު ފަތުރާކަމަށާއި، ބޭރުގެ ހަނގުރާމަވެރި ޖަމާއަތަތްކަށް ދިވެހިން ފޮނުވާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މުހައްމަދު އަމީންގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

އޭނާގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ، މިދިޔަ އަންގާރަ ދުވަހުއެވެ.

ޕީޖީ އޮފީހުން މިއަދު ވިދާޅުވީ، އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވިކަން އިއުލާނުކޮށް ފުލުހުން އެ ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އަމީންއަކީ ގިނަ ދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި، ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން މީހުން ރެކްރޫޓްކޮށް ހަަނގުރާމައަށް މީހުން ފޮނުވަައި، އެކަމަށް ހިތްތަރުދީ އެކަމުގައި އަމަލީގޮތުން ހަރަކާތްތެރިވަމުން އަންނަ މީހެއް ކަމަށެވެ.

އަދި މީގެ އިތުރުން، އޭނާއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖީ ސަޕޯޓް ދިނުމާއި، ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ އިސް ފަރާތްތަކާއި ގާތް ގުޅުމެއް ބާއްްވާ މީހެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި އެ މައްސަލަ ތަހުގީގުކޮށް އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި، މިދިޔަ އާދީއްތަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އަމީންއަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.

އެމެރިކާއިން ބުނާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިސިސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެ ގައުމުން ބުނެއެވެ.

އަމީން ރާއްޖެއިން ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރ މަހު ފަހުކޮޅު އެވެ.