ސޯމާލިއާގެ ރެސްޓޯރެންޓަކަށް ދިން ހަމަލާއެއްގައި ނުވަ މީހަކު މަރުވެ، ގިނަ ބަޔަކަށް އެކިވަރުގެ ޒަހަމްތަކެއް ވެއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އެގައުމުގެ މަޝްހޫރު ޕާލް ރެސްޓޯރެންޓަށް ބަޔަކަށް ދިން ހަމަލާގައި މަރުވެފައިވާ 9 މީހުންގެ ތެރޭގައި ހިމެނެނީ އާންމުންގެ ހަ މީހަކާއި ސިފައިންގެ ތިން މީހެކެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައިވަނީ މަރުވި މީހުންގެ އިތުރުން، އިތުރު 20 މީހަކަށް ޒަހަމްތަކެއް ވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.

އެގައުމުގެ އަސްކަރިއްޔާއާއި ހަވާލާދީ ރިޕޯޓްތަކުން ބުނީ އެ ހަމަލާދީފައިވަނީ އަލް ޝަބާބްގެ ބައެއް ކަމަށާއި އެހަމަލާ ދިން މީހުން މަރާލެވިފައިވާ ކަމަށެވެ.

އެރެސްޓޯރެންޓާއި ކައިރީގައި ތިބި ބައެއް ފަރާތްތަކުން ބުނީ، ހަމަލާ ދިން ވަގުތު ބަޑި ޖަހައި ތަންތަން ގޮއްވުމުގެ އަޑު ވަރަށް ގަދައަށް އިވުނު ކަމަށާއި އެއާއި އެކީ މުޅި ސަރަހައްދު އެލާޓަށް އައިސްފައިވާ ކަމަށެވެ.

މިހަމަލާގެ ޒިންމާ އަލް ޝަބާބުން އުފުލާފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

ނިރުބަވެރިންގެ މިފަދަ ހަމަލާއެއް ސޯމާލިއާއަށް އަމާޒުވެފައިވާއިރު، އެފަރާތްތަކުން އެފަދަ ވަރަށް ގިނަ ހަމަލާތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ދެމުން އަންނަ ކަން ފާހަގަ ކޮށްލެވެއެވެ.