ޅ. ނައިފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ނައިފަރަށް ބޯކޮށް ވާރޭވެހި ރަށުގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން ކައުންސިލުގެ ނައިބް ރައީސް މުހައްމަދު ޝާހިދު އަބްދުﷲ ވިދާޅުވީ، މިއަދު ހެނދުނުން ފެށިގެން އެރަށަށް ކުރަމުންދިޔަ ވިއްސާރާގައި ރަށު ތެރޭ ފެންބޮޑުވެފައި ވާ ކަމަށެވެ.

"ވަރަށް ބޯކޮށް ވާރޭވެހި، ވަރަށް ބޮޑަށް ފެންބޮޑުވެގެން، މިހާރު ދަނީ ފެންހިއްކުމުގެ މަސައްކަތް ކުރަމުން". ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއަދު ހެނދުނުން ފެށިގެން ކުރި ވިއްސާރަ މިއަދު މެންދުރު ފަހު 3:00 ޖެހިހާއިރު ހުއްޓާލާފައިވާކަމަށާއި، މި ވިއްސާރާގައި ބައެއް ގަތަކަށްވެސް ފެންވަދެފައިވާ ކަމަށެވެ.

"ފުލުހުންނާއި އާއްމުންނާއި، އެމްއެންޑީއެފް ގުޅިގެން ރަށުގެ ފެންހިންދުމުގެ މަސައްކަތް ކުރިއަށް ދަނީ".

ނައިފަރަކީ އާބާދީގައި 5000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.