ޔުނައިޓެޑް އަރަބި އެމިރޭޓްސް ގެ ސަރުކާރުގެ ދަޢުވަތަކަށް "ގްލޯބަލް ޑައިލޮގް ފޮރ ހެޕިނެސް އެންޑް ދަ ވޯރލްޑް ގަވަރމެންޓް ސަމިޓް"ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު މިއަދު މާލެ ވަޑައިގެންފިއެވެ.

މި ސަމިޓް ބާއްވާފައިވަނީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް، ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދުބާއީގައެވެ.

ދަ ވޯރލްޑް ގަވަމެންޓް ސަމިޓް 2018 އަކީ ދުނިޔޭގެ ސަރުކާރުތަކުގެ ކުރިމަގު ބައްޓަން ކުރުމަށް ޚާއްޞަކޮށްގެން ބޭއްވެވި ބައިނަލްއަޤުވާމީ ފޯރަމެކެވެ.

މި ސަމިޓްގައި ހިމެނުނު މުހިންމު ކަންތައްތަކުގެ ތެރޭގައި ކުރިއަށްއޮތް ޖީލުތަކުގެ ސަރުކާރުތަކަށް އާއީޖާދުތަކާ ޓެކްނޮލޮޖީގެ އެހީގައި މުޅި އިންސާނިއްޔަތަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރޭވެނެ ގޮތްތައް ހޯދުމާއި ބައިނަލްއަޤުވާމީ ގޮތުން އުފާވެރިކަން ގެނުވާނެ ކަންތައްތަކުގެ މައްޗަށް މަޝްވަރާ ކޮށްފައިވެއެވެ.

މި އަހަރުގެ ގްލޯބަލް ޑައިލޮގް ފޮރ ހެޕިނެސް ސަމިޓްގައި ތައުލީމީ ދާއިރާއާއި، އާއިޖާދުތަކާއި، ޓެކްނޮލޮޖީއާއި، އިޤްތިޞާދީ ދާއިރާއާއި، ދެމެހެއްޓެނެވި ތަރައްޤީއާއި ގްލޯބަލް ހެޕިނެސްއާއި ގުޅުންހުރި މައުޟޫތަކަށް މަޝްވަރާކޮށް މައުލޫމާތު ބަދަލުކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު އާއި، ދިވެހިރާއްޖެއިން ޔުނައިޓެޑް އަރަބި އެމިރޭޓްސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ޙުސައިން ނިޔާޒް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ އިލްހާމް އިދްރީސް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.