ދެހާސް ސަތާރަ ވަނަ އަހަރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބޭނުމަށް އޭސީތަކެއް ގަނެފައިވަނީ ރާއްޖެއިން ލިބެން ހުރި އަގާ އަޅާބަލާއިރު ހަތަރު ލައްކަ ރުފިޔާ އަގު ބޮޑުކޮށް ކަމަށް އޮޑިޓާ ޖެނެރަލް ތައްޔާރުކޮށްފައިވާ އެ ކުންފުނީގެ އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެމްޕީއެލްގެ އިމާރާތްތަކުގައި ބޭނުންކުރުމަށް އިމަޖެންސީ ޕްރޮކިއުމަންޓްގެ ގޮތުގައި 2017 ވަނަ އަހަރު އެކިފަހަރު މަތިން 18 އެއާކޮންޑިޝަން ގަތުމަށް 1.08 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެތަކެތި ގަނެފައިވަނީ އެންމެ ފަރާތަކުން އަގު ހޯދައިގެން ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ އެއާކޮންޑިޝަންތަކާ އެއްފަދަ އެއާކޮންޑިޝަންތައް ރާއްޖޭގެ މާކެޓްގައި ވިއްކަން ހުންނަ އަގުތަކާ އެމްޕީއެލްއިން އެއާކަންޑިޝަން ގަނެފައިވާ އަގުތަކާ އަޅާބަލާއިރު އެމްޕީއެލްއިން އެ ތަކެތި ގަނެފައިވަނީ 428،065 ރުފިޔާ އަގުބޮޑުކޮށް ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެކަމުގެ އިތުރުން ރިޕޯޓުގައި ފާހަގަކޮށްފައިވާ އެހެން ކަންކަމުގެ ތެރޭގައި ލޭންޑިން ކްރާފްޓެއްގެ މައްސަލައެއްވެސް ހިމެނެއެވެ. ރިޕޯޓުގައި ބުނެފައިވަނީ އެމްޕީއެލްއަށް ލޭންޑިން ކްރާފްޓެއް ގަތުމަށް 2017 ވަނަ އަހަރު ސިންގަޕޫރުގެ ކުންފުންޏަކާއި އެމްޕީއެލްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރި ކަމަށެވެ. 300 ޓަނުގެ އެ ލޭންޑިން ކްރާފްޓް އެގާރަ މިލިއަން ރުފިޔާ އަށް ވިއްކުމަށް އެއްބަސްވި ސްޕެސިފިކޭޝަންތަކާއި އެމްޕީއެލްއަށް ސަޕްލައިކޮށްދިން ލޭންޑިން ކްރާފްޓްގެ ސްޕެސިފިކޭޝަންތަކާއި ތަފާތުތަކެއް ހުރުމުން ގެނައި ލޭންޑިން ކްރާފްޓާ އެކުންފުނިން ހަވާލުވެފައިވާ ނުވާ ކަމަށްވެސް ރިޕޯޓުގައިވެ އެވެ. ނަމަވެސް އެ ލޭންޑިން ކްރާފްޓް ގަތުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 429،000 ޑޮލަރު ނުވަތަ 6.6 މިލިއަން ރުފިޔާ އެމްޕީއެލްއަށް އަނބުރާ ލިބިފައި ނުވާ ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ލޭންޑިން ކްރާފްޓު މައްސަލާގައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން)ވެސް ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އަށް މިދިޔަ މެއި މަހުގެ ތެރޭގައި ފޮނުވާފަ އެވެ. އެގޮތުން ދައުވާކުރުމަށް ފޮނުވާފައިވަނީ އެމްޕީއެލްގެ އޭރުގެ ޕްރޮކިއުމެންޓްގެ އިސްވެރިޔާގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފިލާވަޅު

    މުދާ ގެނައުމަ ހިގާ ހުރިހާ ޕްރޮސެސްއެއްގަވެސް ކޮރަޕްޝަން އިންތިހާޔައް އޮވޭ އެކަން މި ދިވެހިރާއްޖޭގަ ވިޔަފާރިކުރާ އެއްމެންނައްވެސް އިގޭނެ. މިއީ ދިމާލައް މަތިންފެށިގެން ބައިއަޅައިގެން ހިގާ ކަންކަން. އަދިވެސް ހައްލު ނުކުރެވޭ. ދިމާލައް ބުނާނެ ތިޔަކަން ކޮށްދެވޭނީ މެވެނިކަމެއް ހަމަޖައްސާލަދިނީމައޭ

  2. އިބްރާހިމް

    މިހާރު ތީތި އުޅޭނީ މިލިއަނުން.