އެންވަޔަރމަންޓް މިނިސްޓްރީން ކުރިއަށްގެންދާ، ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރމަންޓް ޕްރޮޖެކްޓަށް ބޭނުންވާ ފެރީ އެއް ކުއްޔަށް ހިފުމަށް އެ މިނިސްޓްރީން ބޭނުން ވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ދަށުން ހިންގަމުންދާ، މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް މަޝްރޫޢުގެ ދަށުން ރ.ވަންދޫގައި މަސައްކަތް ކުރާ ކޮންޓްރެކްޓަރުން ރ. ވަންދޫ އާއި ރ. އިންނަމާދޫ ނުވަތަ ރ. ރަސްމާދޫއާ ދެމެދު ދަތުރުކުރުމަށްޓަކައި އުޅަނދެއް ކުއްޔަށް ހިފުމަށް ބޭނުންވާތީވެ މި މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެގޮތުން، 7 ޖެނުއަރީން 2020 ން 31 ޑިސެމްބަރ 2020 ށް، 30 މީހުންގެ ޖާގައިގެ ފެރީއެއް ކުއްޔަށް ހިފުމަށް ބޭނުންވާ ކަމަށާއި، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޑިސެމްބަރ 19 ވާ ބުރާސްފަތި ދުވަހު 11:00ގެ ކުރިން އެ މިނިސްޓްރީ އަށް އަގު ހުށަހެޅުން އެދޭ ކަމަށެވެ.

މީގެ އިތުރުން، އަގު ހުށަހެޅުން އޮންނާނީ 2019 ޑިސެމްބަރ 19 ވާ ބުރާސްފަތި ދުވަހު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަގުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށްވެސް އެ އިޢުލާނުގައި ވަނީ ބުނެފައެވެ.

ހަމައެހެންމެ، އަގުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމަށާއި، އެ އުރައިގެ ބޭރުގައި މަސައްކަތައް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި އަގު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެ ކަމަށްވެސް އެ އިޢުލާނުގައި ވަނީ ބުނެފައެވެ.

މި ފެރީ އަކީ ރ.ރަސްމާދޫންނާއި، އެ އަތޮޅު އިންނަމާދޫން ކުނި ގެންދިއުމަށްޓަކައި ކުއްޔަށް ހިފާ ފެރީއެކެވެ.