ސުޕްރީމް ކޯޓަށް އެސިސްޓެންޓް ރަޖިސްޓްރާއެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

އެ ކޯޓުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވާ ގޮތުން ސުޕްރީމްކޯޓުގެ އެސިސިޓެންޓް ރަޖިސްޓްރާ އަކަށް އަސާސީ މުސާރައިގެ ގޮތުގައި 15،400 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ޖުޑީޝަލް އެލަވަންސްގެ ގޮތުގައި 10،010 ރުފިޔާ، ސާވިސް އެލަވަންސްގެ ގޮތުގައި 3000 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި 3000ރުފިޔާ ލިބޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެެވެ.

މި މަގާމަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ އަސާސީ ޝަރުތުތަކުގެ ތެރޭގައި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު؛ ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން އަދި، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި ނުވަތަ އެދެކަމުގައި މަސައްކަތްކޮށް މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެެވެ. އެހެނިހެން ޝަރުތުތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން އަދި ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން ހިމެނެއެވެ.

މިމަގާމުގެ މަސްއޫލިއްޔަތު ތަކަކީ:

ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމުގައި ރަޖިސްޓްރަރ އަންގާ ގޮތެއްގެ މަތީން އެހީތެރިކަން ފޯރުކޮށްދިނުން.
ރަޖިސްޓްރަރގެ މަސްޢޫލިއްޔަތު ޙަވާލުކުރެވިފައިވާ ޙާލަތްތަކުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓްރަރގެ މަސްޢޫލިއްޔަތު އަދާކުރުން މިގޮތުން:
ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ބަލައިގަތުން.
ސުޕްރީމް ކޯޓަށް ހުށަހަޅޭ މައްސަލަތަކާއި ލިޔެކިއުންތައް ހުށަހެޅިފައިވަނީ ސުޕްރީމް ކޯޓުގެ ޤަވާޢިދާ އެއްގޮތަށްތޯ ކަށަވަރުކުރުން.
ސުޕްރީމް ކޯޓުގެ މައްސަލަތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.
ސުޕްރީމް ކޯޓުގެ ކަލަންޑަރު ތައްޔާރުކުރުމާއި ޝާއިޢުކުރުން.
ސުޕްރީމް ކޯޓުގެ ޤަވާޢިދުގައި ރަޖިސްޓްރަރގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަން ކުރުން.