ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގއ. ދާންދޫގެ 10 ގެއަކަށް ފެންވަދެ އެގެތަކުގައި ހުރި ހިފާ ގެންގުޅޭ ތަކެއްޗަށް ފެނުގެ އަސަރުކޮށްފިއެވެ.

ދާންދޫ ކައުންސިލްގެ ނައިބު ރައީސް ފާރިޝް މުހައްމަދު "ވަގުތު" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ބޯކޮށް ވާރޭ ވެހެން ފަށާފައި ވަނީ މިއަދު ފަތިހު 4:30 ކަންހާއިރު ކަމަށާއި، އަދި މެދު ނުކެނޑި ދެގަޑިއިރެއްހާއިރު ވަންދެން ވާރޭ ވެހިފައިވާ ކަމަށެވެ.

އަދި 10 ގެއަކަށް ފެންވަދެގެން ރިޕޯޓު ކުރިކަމަށާއި، އެގެތަކުގައި ހުރި ހިފާ ގެންގުޅޭ ތަކެއްޗަށް ވަރަށް ބޮޑަށް ފެނުގެ އަސަރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް އެއްވެސް ގެއެއްގައި މީހުން ނޫޅެވޭނެ ހާލަތަށް ގޮސްގެން ރިޕޯޓުކޮށްފައި ނުވާކަމަަށް ފާރިޝް ވިދާޅުވި އެވެ. އަދި އެފަދަ ހާލަތެއްގައިވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލުން އޮތީ ތައްޔާރަށް ކަމަށް ފާރިޝް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިހާރު ފުލުހުންނާއި، ކައުންސިލުން، އަދި ދާންދޫގެ ރައްޔިތުން ނިކުމެ ޕަންޕު ޖަހައިގެން ރަށުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި ވެލި ބަސްތާ ޖަހައި ފެން ވަނުން ހުއްޓުވަން ޖެހޭ ތަންތަނުގައި އެމަސައްކަތައް ވެސް ކުރަމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ކައުންސިލްގެ ނައިބު ފާރިޝް ވިދާޅުވި ގޮތުގައި ދާންދޫގެ ތިން ސަރަހައްދެއްގައި ދަނީ ޕަންޕު ޖަހައިގެން ފެން ހިއްކަމުންނެވެ. އަދި މިހާރު ވާރޭ ނުވެހޭ ކަމަށާއި، އިރުކޮޅެއްގެ ތެރޭގައި ރަށް އާންމު ހާލަތަށް ރުޖޫއަ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.