ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އިން ހުޅުމާލޭގައި ހުންނަ ފިޔަވަތިއަށް ޒިޔާރަތްކޮށް މޮނީޓާ ކޮށްފިއެވެ.

އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަންގެ ނެޝެނަލް ޕްރިވެންޝަން މެކޭނިޒަމް (އެންފީއެމް)އިން ފިޔަވައްޗަށް ޒިޔާރަތް ކޮށްފައިވަނީ އެ ކޮމިޝަންގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްއިން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން މިދިޔަ ޖުލައި މަހު ކުރި ޒިޔާރަތަށް ފަހު، މަޝްވަރާކޮށް ބަލަން ޖެހޭ ކަންކަން ބަލައި ފިޔަވަތީގެ މިހާރުގެ ހާލަތު ދެނެގަތުމުގެ ބޭނުމުގައި ކަމަށެވެ.

އެންޓި ޓޯޗާ ރިޕޯޓް މިއަހަރު ނެރެފައިވާއިރު އެ ރިޕޯޓުން ދައްކާގޮތުގައި ފިޔަވަތި ހިމޭނޭގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ކުރާ އަނިޔާތައް އެޗްއާރުސީއެމްއަށް ހުށަހެޅުމުންވެސް އެ ކޮމިޝަނުން ބަލާފައެއް ނުވެއެވެ.

އެ ރިޕޯޓު އާއްމުވުމާއި އެކު ފެންމަތިވެގެން ގޮސްފައިވަނީ އެ މަރުކަޒުތަކުގައި ކުދިންތަކެއް ބަރަހަނާކޮށްގެންނާއި އެ ނޫން ގޮތްގޮތަށް އަނިޔާކުރި މައްސަލަތަކެކެވެ. ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި އުމުރުން 12 އަހަރުން ދަށުގެ 111 ކުދިން މިހާރު ތިބެއެވެ.

2014-2016 އަށް އޮޑިޓް އޮފީހުން އާއްމު ކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ފިޔަވަތީގައި ބޮޑެތި ފިރިހެން ކުދިންގެ ފަންގިފިލާގައި ވެސް ކޮންމެ ކުއްޖަކަށް އެނދެއް ނެތްއިރު އެކުދިންވެސް ނިދަނީ ބިންމަތީގައި ގޮދަޑި އަޅައިގެން ކަމަށެވެ.

އެކަމާއި ގުޅިގެން ފިޔަވަތިން ބުނެފައިވަނީ އެނދުތައް ނަގަން ޖެހުނީ ކުދިން އެނދުގެ މަޅުތަކާއި ބައިތައް ވަކިކޮށްގެން މުވައްޒަފުންނަށް އަނިޔާ ކުރުމުން، ފިޔަވަތީގެ އިސްވެރިންނާ މަޝްވަރާކުރުމަށްފަހު ދެފަރާތައްވެސް ރައްކާތެރިކަން ދިނުމުގެ ގޮތުން ކަމަށެވެ.