ރ.މަޑުއްވަރީގައި ވަކި ޖަމާޢަތް ހަދައިގެން ބަޔަކު ނަމާދު ކުރަމުން އަންނަތާ އެތައް އަހަރެއް ވެފައި ވާ ކަމަށް، އެރަށުން މަޢުލޫމާތު ދިން މީހަކު ބުނެފިއެވެ.

ހަރުކަށި ފިކުރުގެ މީހުން ހޯދާއި، އެ ގޭގޭގައި ތިބި ކުޑަކުދިންނާއި އަންހެނުންގެ ހައްޤުތައް ކަށަވަރުކޮށްދީ، އެމީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ފުލުހުންނާއި، ސިފައިން ކުރިއަށް ގެންދާ އޮޕަރޭޝަން އާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެމުން އޭނާ ބުނީ، އެރަށުގައި އެކަމެއް ކުރާތާ ވަރަށް ދުވަސް ވެއްޖެ ކަމަށާއި، މިހާ ދުވަސްވަންދެން މިނިވަން ކަމާއި އެކު އެމީހުންގެ ފިކުރު ފެތުރުމުގެ ފުރުޞަތު އެމީހުންނަށް ލިބިފައި އެވަނީ، ކަމާއި ގުޅޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކަމަށެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން، މަޑުއްވަރީގެ ބައެއް ގެތައް ފާސްކުރަމުން ދަނީ، ހައްދު ފަހަނަ އަޅާފައިވާ ފިކުރުގެ މީހުން، ކުޑަކުދިންނާއި، އަންހެނުންގެ ހައްޤުތަކުން މަޙުރޫމުކޮށް، އެ ފަރާތްތަކުގެ ނާޖައިޒު ފައިދާ ނަގަމުންދާ ކަމަށްވެސް މި ކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި މިއަދު ވަނީ ބުނެފައެވެ.

"މި އޮޕަރޭޝަނަކީ ރ.މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި، ދަޢުލަތުގެ އާއްމު ނިޒާމާއި، އިދާރީ އިންތިޒާމުތަކުން ބޭރުން ވަކި ޖަމާޢަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިންގެ ހައްޤުތަކުން މަޙުރޫމުކޮށް، އެ ފަރާތްތަކުގެ ނާޒައިޒް ފައިދާ ނަގަމުންދާ ކަމަށާއި، މިފަދަ ޢަމަލުތައް ހިންގާ ބައެއް ފަރާތްތަކުން، އަންހެނުންނާއި ކުޑަކުދިން، މުޖުތަމަޢު އާއި ވަކިކޮށް، ކުޑަކުދިންނަށް ޞިއްޙީގޮތުން، ދިނުމަށް ލާޒިމު ކުރާ ވެކްސިން ނުދީ، ތަޢުލީމް ޙާޞިލްކުުރުމުގެ ހައްޤުން މަޙުރޫމުކޮށް، ކުޑަކުދިން މީހުންނާއި ކައިވެނިކޮށް ކަމަށް ބުނެ، މި ކަންކަން ހިންގާ ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށާއި، ދަރިމައިވުމާއި، އުފަންވަނިވި ޞިއްޙަތާއި، ގުޅުންހުރި ޞިއްޙީ އިންތިޒާމު ތަކާއި، ހައްޤުތަކުން އަންހެނުން މަޙުރޫމުކޮށް، އެފަދަ އަންހެނުންގެ ފުރާނައާއި ޞިއްޙަތަށް ނުރައްކާވާފަދަ ޙާލަތަކަށް ހުށަހެޅިފައިވާކަމަށް ލިބެމުންދާ މަޢުލޫމާތާއި ގުޅިގެން މިކަންކަން ހިނގަމުންދާ ކަމަށް ފާހަގަ ކުރެވޭ ގެތައް ބަލާ ފާސްކޮށް، މި ކަންކަން ކުރުމުގައި އިސްވެ ހަރަކާތްތެރިވާ ފަރާތްތައް ހޯދާ، ދެނެގަނެ، މި ތަންތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ޙާލަތު ބަލައި އެފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކޮށް ދިނުމަށްޓަކައި ހިންގޭ އޮޕަރޭޝަނެކެވެ." ފުލުހުން ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވިދާޅުވެފައިވަނީ، މަޑުއްވަރީގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުތަކަށް ތާޢީދުކޮށް، އެފަދަ ޢަމަލުތައް ފަތުރަން މަސައްކަތް ކުރާ ފަރާތްތަކުން ޤަބޫލުކުރާ ޤަބޫލުކުރުމެއްގެ މައްޗަށް ބިނާކޮށް، ހައްޤަކާއި ނުލާ މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ، ތަފާތު ޖިނާޢީ ކުށްތައް ކުރަމުން ދާ ކަމުގެ މަޢުލޫމާތުވެސް ލިބިފައިވާ ކަމަށެވެ.

ހަމައެހެންމެ، ސިފައިންނާއި ފުލުހުން ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި މަޑުއްވަރީ އާއި އެ ސަރަހައްދުގައި ހިމެނޭ އެހެން ރަށްތަކުގެ ރައްޔިތުންގެ ފަރާތުންވެސް ފުރިހަމަ އެއްބާރުލެއްވުން ބޭނުންވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފފފފފ

    ތިގޮތަށް އުޅޭ މީހުންގެ ސަބަބުން ރަށަށް ގެއްލުމެއް ލިބޭނަމަ އެކަމެއް ރިޕޯޓްކޮށް އެކަން ބަލަންޖެހޭ. އެހެންމަވެސް ރައެޓް ގިޔަރގައި، ފުލުހުންނާ ސިފައިން އެތަނަށް ހަތިޔާރާއެކު އަރާ ހަނގުރާމައިގެ މައިދާނެއްގައި ހަރަކާތްތެރިވާހެން ހަރަކާތްތެރިވުމުން ދުނިޔެއަށް މިދޭ މެސެޖަކީ މިއީ އައިސިސްގެ ހެޑްކްއަރޓަރކަން ދައްކަންދޭ މެސެޖެއް. ޔޫއެންއިން ގައުމުތަކަށް އަންގައިގެން، ދިވެހިރާއްޖެއަށް މިސައިލްތައް ފޮނުވައި މުޅި ދިވެހިއުއްމަތް ނައްތާލުމަށް ގޮވާލުންފަދަ ކަމެއް މިކުރަނީ.

    59
    11
  2. އއ

    މިމީހުންނަކީ ރައީސް ނަޝީދަށް ސަޕޯޓްކުރާ އެމްޑީޕީގެ އެކްޓިވިސްޓުން.

    65
    13
  3. ްއއއއއއ

    ތިހެން އުޅޭ ކިތައް މީހުން. އެއްވެސް މީހަކަށް ފިޔަވަޅެއް އެޅިއްޖެތަ؟މަޑުއްވަރީގައި އެކަނިތަ؟ ދަރިންނަށް ކިޔަވައިނުދީ ގޭގަ ބަހައްޓައި މަޖުބޫރުން ކަންތައް ކުރުވާ ކިތައް މީހުން އުޅޭ. ހަބަރަކަށް މީހަކު ކޮށްފައި އިން ކޮމެންޓެއް ދުށިން މާޅޮހުގައި ވެސް ތިފަދަ ކުދި ބަޔަކު އުޅޭކަން.

    28
    3
  4. މުހައްމަދު

    ކަންކަން މަތީ ޕާޓޭ ހެދިގެން އުޅުނަސް އޯކޭ. އެމީހުނަކީ މުޖުތަމަޢު ގެ ބިރެއް އެފަދަ މީހުން މެދު ފިޔަވަޅު އަޅަންވީނުން

    44
    5
  5. ދޮންބެ

    ވަކިން ވިޔަސް އެކަނި ވިޔަސް ނަމާދު ކުރުން ރަނގަޅު ނަމާދު ނުކޮށް ޕާރޓޭ ވުމަށްވުރެ.

    27
    1