މ. މަޑުއްވަރީ ފުލުހުންގެ ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު މަޑުއްވަރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ދާއިމީ ގޮތެއްގައި ފުލުހުން ގާއިމުކޮށްގެން ހިދުމަތް ދިނުމަކީ ހަރަދު ބޮޑު ކަމެއް ކަމަށާއި ރާއްޖޭގެ ޖިއޯގްރަފީ އާއި ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތަށް ބަލާއިރު ރާއްޖޭގައި ފުލުހުންގެ ހިދުމަތްދީ ތަރައްގީ ކުރުމުގައި ބޮޑެތި ދަތިތަކާއި ގޮންޖެހުންތައް ހުރިކަމަށެވެ.

އެ ގޮންޖެހުންތަކަކީ ހަމައެކަނި ފައިސާ އާއި ވަސީލަތްތަކުގެ ސަބަބުން އަންނަ ދަތިތައް ނޫންކަން ފާހަގަކުރައްވައި އިންސާނީ ވަސީލަތުގެ ދަތިކަމާއި މަސައްކަތްތަކަށް ބޭނުންވާ ހުނަރު ހުރި އަދި ޝައުގުވެރި ފަރާތްތައް ހޯދުމުގެ ދަތިކަން ހުރިކަންވެސް ފާހަގަކުރެއްވިއެވެ.

އަދި ކޮމިއުނިޓީ ޕޮލިސިން ފަލްސަފާގެ މައްޗަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަކީ ފުލުހުންގެ ހިދުމަތުގެ ގާނޫނުން ފުލުހުންގެ މައްޗަށް ލާޒިމުކުރާ ކަމެއްކަމަށާއި އެ ފަލްސަފާގެ މައްޗަށް ބިނާކޮށް ފުލުހުންގެ ހިދުމަތްދޭއިރު ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމުކަމެއް ކަމުގައި ވިދާޅުވިއެވެ.

އެގޮތަށް މަސައްކަތްކުރުމަށްޓަކައި ފުލުހުން ރައްޔިތުންނަށް އަދި ރައްޔިތުން ފުލުހުންނަށް އިތުބާރުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި އެކުވެރި މާހައުލެއްގައި ކަންކަމާމެދު މަޝްވަރާކޮށް މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން މ. އަތޮޅުގައިވެސް އަވައްޓެރި ފުލުހުންގެ ހިދުމަތުގެ ގޮތުގައި ގުޅިގެން މަސައްކަތްކުރެވޭނެ އިންތިޒާމެއް އެކުލަވާލާފައިވާކަން ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތި ފަދަ ބޮޑެތި ކުއްތައް މަދުކުރުމަށް ރަށްރަށުގެ ކައުންސިލުތަކާ ގުޅިގެން މަސައްކަތްކޮށްދިނުމަށް މ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް ސީޕީ އިލްތިމާސް ކުރެއްވެވިއެވެ. އަދި ވަސީލަތްތައް މަދު ނަމަވެސް ރަށު ފެންވަރުގައި އައު އުކުޅުތަކާއި އައު ވިސްނުންތައް ބޭނުންކޮށްގެން ކައުންސިލުތަކާ އަދި އެ ނޫންވެސް ގުޅުންހުރި ފަރާތްތަކާ ގުޅިގެން ފުލުހުން އަދާކުރަންޖެހޭ ގާނޫނީ ވާޖިބު އަދާކޮށްދެއްވުމަށް އެ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ ކިބައިން އެދިލެއްވިއެވެ.