މ. އަތޮޅުގެ ދެ ރަށެއްގެ ދޯނިން އެ އަތޮޅު މަޑުއްވަރީއަށް މަސް ހަދިޔާ ކޮށްފިއެވެ.

މަޑުއްވަރީއަށް މަސް ހަދިޔާ ކޮށްފައިވަނީ ކޮޅުފުށި އަސުރުމާ ދޯނިނާއި މުލަކު އަލިމަސް-2 ދޯނިން މިއަދުގެ ވަގުތެއްގައެވެ.

ކޮޅުފުށީ ދޯނިން މަޑުއްވަރީއަށް 4 ޓަނުގެ މަސް ހަދިޔާކޮށްފައިވާއިރު, މުލަކު ދޯނިން ވެސް ވަނީ ގިނަ އަދަދެއްގެ މަސް ހަދިޔާ ކޮށްފައެވެ.

އަލިމަސް ދޯނިން ބުނި ގޮތުގައި އެ މީހުން ނޫފަހި ޕްރޮގްރާމް ނިންމާލުމަށް ފަހު މަސްކިރުމަށް ހުޅުމާލެއަށް ދިއުމުގެ ކުރިން ބާނާފައި ހުރި ރާގޮޑި ކޮޅު ވަނީ މަޑުއްވަރީއަށް ހަދިޔާ ކޮށްފައެވެ. އެ ދޯންޏަކީ ރައްޔިތުންނާއި މެދު ވަރަށް ވިސްނާ ދޯންޏެއް ކަމަށް ބުނި އެވެ.

މިކަމާއި ގުޅޭގޮތުން މަޑުއްވަރީ ކައުންސިލުން " ވަގުތަށް" ވިދާޅުވީ، އެ ރަށަށް އަތޮޅުގެ ދެ ދޯންޏަކުން މަސް ހަދިޔާ ކުރީ އެ ރަށަށް މަސް ލިބުމުގެ ދަތިކަމެއް ހުރެގެން ނޫން ކަމަށެވެ. އެއީ އެ ފަރާތްތަކުން ހިތްހެޔޮ ކަމާއިއެކުގައި ކޮށްދިން ކަމެއް ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ކައުންސިލުން ވިދާޅުވީ، މި ދުވަސްވަރަކީ މަސްވެރިކަން ވަރަށް ރަނގަޅު ދުވަސްވަރަކަށް ވުމުން ގިނައިން މަސް ބޭނިއްޖެނަމަ، ރަށްތަކަށް ހަދިޔާ ކުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.

ދެ ރަށަކަށް މަސް ހަދިޔާ ކުރުމުން ކޮޅުފުށީ އަސުރުމާ ދޯންޏަށާއި މުލަކު އަލިމަސް-2 ދޯންޏައް މަޑުއްވަރީ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ދުވަސްވަރަކީ އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅު ދުވަސް ވަރަކަށް ވެފައިވާއިރު، މަސްވެރިން މަސް ކިރުވުމުގައި ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ބައެއް ދޯނިތަކުގެ މަސްވެރިން ކުރަމުން އަންނަ ކަމަކީ މަސް ނުކިރިއްޖެ ނަމަ، މަސްތައް ކަނޑަށް އުކާލުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރަކިރަދުން

    މިސަރުކާރުން މަހުގެ އަގު ނުއުފުލުމުގެ ސަބަބުން މަސްވެރިންބާނާ މަސްތަށް އުކާލުމުގެ ބަދަލުގަ ސަދަގާތެއްގެ ގޮތުގައި ﷲ އަށްޓަކާ ބަހާލުމަކީ ވަރަށްރަނގަޅު ކަމެއް މާތްﷲ މިކަމުގަބައިވެރިވި ހުރިހާމަސްވެރިންނަށް ހެޔޮދަރުމަ މިންވަރުކުރަށްވާށިއެވެ އާމީން.