ރ. މަޑުއްވަރީގައި ޕިކަޕެއް ގަރާޖަކަށް ވައްދަން އުޅެނިކޮށް ޖެހި އެ ރަށުގެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަސްލަމް އަވަހާރަވީ މިދިޔަ މަހުގެ ކުރީކޮޅެވެ. އެ ހާދިސާގައި އަސްލަމް އަވަހާރަވީ ޕިކަޕްގައި އިން ޑްރައިވަރު، ޕިކަޕް ފަހަތަށް ޖައްސާލި ގަޑީގައި ފާރާއި ފިކަޕާ ދެމެދު އަސްލަމް ފިތި ޗަސްވެގެންނެވެ. އަސްލަމް އަވަހާރަވީ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ ހާދިސާއަށް މަހެއްވި ތަނާ އަތޮޅު ތެރޭގައި ހަމަ އެފަދަ ހާދިސާއެއް މިދިިޔަ ހުކުރު ދުވަހު ވަނީ ހިނގައިފައެވެ. އއ. އުކުޅަހުގައި 16 އަހަރުގެ އަންހެން ކުއްޖަކު ދަށުވީ ކާރެއް ފަހަތައް ޖައްސަން އުޅުމުގެ ތެރޭގައި، ކާރުގެ ފަހަތުގައި ފާރެއް ކައިރީގައި ހުއްޓައެވެ. އަންހެން ކުއްޖާއަށް ބޮޑެތި ޒަހަމްތަކެއް ލިބުނުއިރު އިތުރު ފަރުވާއަށް އޭނާ ފަހުން މާލެ ގެނެސްފައިވެއެވެ. ކުރީގެ ހާދިސާއެކޭ އެއްގޮތަށް އަންހެން ކުއްޖާއަށް އެކި ވަރުގެ ޒަހަމްތަކެއް ވަނީ ލިބިފައެވެ. ނަމަވެސް ނަސީބު ރަނގަޅުކަމުން ފުރާނަ ސަލާމަތްވިއެވެ.

އެ ދެ ހާދިސާގެ ތެރެއިން އެންމެ ފުރަތަމަ ހާދިސާގައި އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ އެ ޕިކަޕް ދުއްވަން އިން މީހާ އަތުގައި ޕިކަޕް ފަދަ ވެހިކަލްތައް ދުއްވުމުގެ ލައިސެންސް ނެތް ކަމެވެ. އަސްލަމް އަވަހާރަވީ ހާދިސާ ހިނގީ ކައުންސިލްގެ ގަރާޖެއްގެ ތެރޭގައި ކަމަށްވާ އިރު ޕިކަޕް ދުއްވަން އިނީވެސް ކައުންސިލްގެ މުވައްޒަފެކެވެ. މިއީ އިހުމާލުގެ މައްސަލައެވެ.

އެކަމާ ގުޅޭ ގޮތުން "ވަގުތު"ން ސުވާލުކުރުމުން މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގު ވިދާޅުވީ އެ މައްސަލައިގައި ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެެވެ. ނަމަވެސް އެ މައްސަލައިގައި ކައުންސިލުން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެވިދާނެއެވެ.

ލައިސަންސް ނެތް މީހަކަށް ޕިކަޕް ފަދަ ވެހިކަލްތައް ދުއްވުމުގެ ފުރުސަތު ދިނީ ކީއްވެ ހެއްޔެވެ؟

"ވަގުތު"ން އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ޕިކަޕް ދުއްވި ކައުންސިލް މުވައްޒަފާ މެދު މިހާތަނަށް މަޑުއްވަރީ ކައުންސިލުން އެއްވެސް ފިޔަވަޅެއް ވެސް އަދި އަޅާފައެއް ނެތެވެ. އޭނާ ހައްޔަރުކޮށްފައި ނުވާއިރު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އުކުޅަހުގެ އެކްސިޑެންޓުގައި ޒަހަމްވި ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިއުމުން މީހުން އެއްވެފައި--

އުކުޅަހުގައި ހިނގި އެކްސިޑެންޓްގައި ވެސް ހަމަ ދިމާވީ އެކަހަލަ ގޮތެކެވެ. އެކްސިޑެންޓްވި ކާރު ދުއްވި މީހާގެ އަތުގައި ކާރު ދުއްވުމުގެ ލައިސަންސެއް ނެތެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ކާރު ދުއްވަން އިނީ 43 އަހަރުގެ ފިރިހެނެކެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ނުވާ އިރު، މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

އުކުޅަހުގެ ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް "ވަގުތަށް" ވިދާޅުވީ އެކްސިޑެންޓްވި ކާރު ދުއްވި މީހާއަކީ މީގެ ކުރިން އެއްވެސް ވަރަކަށް ކާރު ދުއްވާވެސް އުޅުނު މީހެއް ނޫން ކަމަށެވެ.

އަތޮޅުތަކުގައި ވެހިކަލްތައް ދުއްވާ މީހުންގެ ލައިސަންސް އޮތްތޯ ބެލުމަކީ އެ ތަންތަނުގައި ތިބޭ ފުލުހުންގެ ޒިންމާއެކެވެ. ނަމަވެސް އެ ޒިންމާ ރަނގަޅަށް އަދާ ކުރޭތޯ ސުވާލު އުފެދެއެވެ.

އުކުޅަސް ކައުންސިލްގެ ރައީސް ޝައުކަތު ވިދާޅުވީ ފުލުހުންގެ ޒިންމާ އަދާނުކުރައްވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެ ރަށުގައި، ލައިސެންސް ނެތި ވެހިކަލް ދުއްވާތޯ ފުލުހުން ވަރަށް ބޮޑަށް ބަލާ ކަމަށާއި ނަމަވެސް ފުލުހުންނަށް ވެސް ހަމަ މީހަކު "މިސް" ވެދާނެ ކަމަށް ވިދާޅުވިއެވެ. ލައިސެންސް ނެތި މީހުން ވެހިކަލް ދުއްވާ މައްސަލައިގައި މަޑުއްވަރީ ކައުންސިލްއިން ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް "ވަގުތަށް" ވިދާޅުވީ މިހާރު މި ފެންނަނީ ސަރުކާރު ފެއިލްވެފައިވާ މަންޒަރު ކަމަށެވެ. ރަށް ރަށުގައި ލައިސެންސް ނެތި ދުއްވާ މީހުން ހޯދައި އެ މައްސަލަތަކާ މެދު ފުލުހުން އަވަސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ޕިކަޕުން ޖެހި ނިޔާވި މަޑުއްވަރީ ކައުންސިލްގެ އެސްޖީ--

ލައިސަންސް ނެތި ދުއްވައިގެން ފުރާނައަށް ނުރައްކާވާ ވަރުގެ ހާދިސާތައް ހިނގަމުންދާ އިރު ފަހަކަށް އައިސް އެކްސިޑެންޓްތައް ހިނގާލެއް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ވެސް ވަރަށް ރީއްޗަށް ހާމަވެއެވެ.

މިދިޔަ ރޯދަ މަހުގެ ފުރަތަމަ 15 ދުވަހުވެސް މާލެ، ހުޅުމާލެ، ހުޅުލެ އަދި ވިލިމާލެ އިން މުޅި ޖުމްލަ 151 އެކްސިޑެންޓް ހިނގާފައިވެއެވެ.

ރޯދަ މަސް ނިމުނު ފަހުން ވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަމުންދާ ތަން ދަނީ ފެންނަމުންނެވެ. ފާއިތުވި މަދު ދުވަސްކޮޅުގެ ތެރޭގައި ނޫސްތަކުން ކަންބޮޑުވާން ޖެހޭ މިންވަރަށް އެކަން ފެނެއެވެ. ގިނަ އެކްސިޑެންޓުތަކުގައި ޒަހަމްވާ މީހުން ވެންޓިލޭޓަރަށް ލާން ޖެހޭއިރު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި މީހަކު މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވަނީ ނިޔާވެފައެވެ.

އެފަދަ ކޮންމެ ހާދިސާއެއްގައި ދުއްވަން އިންނަ މީހާއަކީ ލައިސެންސް ނެތް މީހަކަށް ނުވެދާނެއެވެ. ނަމަވެސް ލައިސެންސް އޮވެ ގަވައިދާ އެއްގޮތަށް ދުއްވާނަމަ ގައިމުވެސް ނުރައްކާތެރި ހާދިސާތައް މަދުވާނެއެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގަނޫން

    ހައްޔަރުކުރެވޭގޮތަށް ގާނޫނުބަދަލުކޮށްބަލަ ހަމައެކަނިޖޫރިމަނާފައިސާ ދައްކާގޮތަށް އޮވެގެން މިދިވެހިން މައިތިރިއެތްނުވާނެ ކިތަންމެ ޖޫރިމަނާއެތްކުރިޔަސް

    10
  2. ވައްޖިބެ

    މަނަދޫގައި ވަކިބައެއްއަތުގައި ސައިސަންސް އޮތްތޯ ބައެއްދުވަސްވަރު ފޯރީގައި ޗެޖުކުރެ.

  3. ފަރުހާދު

    ކީވެތޯ އާދަންސަރީފު މެންވެރިކަމުގަ ތީބީއީރު އެކަމަށް ފިޔަވަޅުނޭޅީ އަހަރުމެން. ކައުންސިލް ގަތިބިއިރު ކިހާސިޓީއެއް ލީންތޯ އާދަންސަރީފް މެންސަރުކާރަކުން އަޅައެއް ނުލި ދެންއެހެން މީހުންގެ ބޮލުގަނާޅުވާ ޔާމީން ސަރުކާރުން އެކަންކަން އިސްލާހުކޮށްފަ ވީނަމަ މިއަދު އެކަން ވެސް އޮންނާނީ ރަގަޅައް އާރާބާރު އޮތްއިރު ކަންކަން ރަގަޅު ނުކުރެވުނު ބަޔަކު ކޮން ބަރަބޮލެކޫ އާދަންސަރީފު ދެފާދޭތެރެ އެކޭކިޔަކަށް ހުރިހާނުބައެއް ހެދީ ޔާމީނު ވެރިކަމުގަ ކަންކަން ރަގަޅުނުކޮށް އާދަން ސަރީފު މެންބެލީނުހައްގުން މީހުން ހައްޔަރު ކުރެވޭތޯ އަންބޮޑިބޮނދުކުރެވޭތޯ

    3
    3
  4. ސިމްޕް

    އެހެން ވެދާނެ އެވެރިން ބަލާނީ އަންހެންވެރިން ދުއްވާގޮތް އެކަމަކު އެންމެ ގިނަފުރާނަގޮސް މީހުންގެ ފުރާނައަށް ނުރައްކާވެފައި ހުރީ ފިރިހެނުން ދުއްވާގޮތުން.

    12
  5. 2112

    ފުލިހުންގެ ތަހުގީހުތަކުން ކޮންމެ މީހަކު ގަވާޢިދާ ޚިލާފުވިއަސް ދެފަރާތުގެ އިހުމާލުއޮތްކަމަށް ނިންމަނީ އެހެންވީމަ ލައިސްންސް ނެތަސް އެއީ މައްސަލައެއްނޫން އަނެއްމީހާ ފުރާނަދިޔައަސް ބުނަނީ އޭނަގެ އިހުމާލުވެސް އޮތްކަމަށް ހޭބަލިވެފަ ތިބޭބައެއް ތީ މިހާރު

  6. ވާރިސް

    މިޤަވްމުގައި ހުރިހާވެސް މައްސަލަ އަކީ ހުރިހާ މިނިވަން މުއައްސަސާތައް ސިޔާސީވުން، ފުލުހުން ސިޔާސީވެގެން ގޮސް އެއްކަމެއްވެސް ރަނގަޅާށް ނުވޭ، ނޯ ސަރ އޭ ބުނަންޖެހޭތަން ތަނުގައި ނޯ ސަރ އޭ ބުނުމުގެ ހިއްވަރު ނެތީ..