ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމް ކުރުމަށް ނިންމާފައިވާ ދެ ބަނދަރުގެ ކޮންސަލްޓެންސީ މަސައްކަތް ބޭރުގެ ކުންފުންޏަކާއި ހަވާލުކޮށްގފިއެވެ.

މިފަހަރު ހަވާލުކޮށްފައި ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާންޝިޕްމަންޓް ބަނދަރާއި ބައިނަލްއަގުވާމީ މެރިޓައިމްސް އާއި ގުޅުންހުރި އެހެނިހެން ހިދުމަތްތައް ގާއިމްކުރުގެ ކޮންސަލްޓެންސީ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫ ހަވާލުކޮށްފައި ވަނީ ނެދަލޭންޑްސްގެ އެމް.ޓީ.ބީ.އެސް އަދި ނީރާސްގެ ޖޮއިންޓްވެންޗަރ އަކާ 860،626 އެމެރިކާ ޑޮލަރަށެވެ. އެއީ 13 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާއެވެ.

މި މަޝްރޫގައި ރަސްމީކޮށް މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނެންޓް ސެކްރެޓަރީ އަހުމަދު މިގްހަދެވެ. އަދި އެމްޓީބީއެސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އޮތޯރައިސްޑް ޑިރެކްޓަރ އެންތޮނީ ވެން ޑާރ ހޮއެސްޓް އެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާންޝިޕްމަންޓް ބަނދަރުތައް ހެދުމަށް ބަޔަކާއި ހަވާލު ކުރުން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އިޔާދު ހަމީދު ވިދާޅުވީ މިކަން ކުރައްވާނީ ރާއްޖޭގެ ބޯޑަރ ސެކިއުރިޓީއަށް ދޭނެ ޖެހޭ ފުރިހަމަ އަހަންމިއްޔަތު ދީގެން ކަމަށެވެ. އަދި މި މަޝްރޫގެ ދިރާސާައް ކުރުމުގައިވެސް އެންމެ އަހައްމިއްޔަތުކަމެއް ދޭނީ ބޯޑަރ ސެކިއުރިޓީއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާންޝިޕްމަންޓް ބަނދަރުތައް ހެދުމަށް ބަޔަކާއި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މި މަޝްރޫގެ ދަށުން ބަނދަރު ގާއިމް ކުރުމަށް ފިޒިބިލިޓީ ބެލިގެންދާނެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ ހއ. އަތޮޅާއި، ލ. އަތޮޅާއި، ހުވަދު އަތޮޅާއި ދެމެދުން އެންމެ ރަނގަޅު ތަނެއްކަމަށް އިކޮނިމިކް މިނިސްޓްރީ އިން ވިދާޅުވިއެވެ. މީގެ އިތުރުން ބަންކަރުން ބޯޓު މަރާމާތު ކުރުމަށް އަދި ބޯޓުފަހަރަށް ސަޕްލައި ކުރުމަށް ސ. ހިތަދޫ ބަނދަރު ބައިނަލްއަގުވާމީ ބަނދަރެއްގެ ގޮތުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމިނިސްޓްރީ އިން މައުލޫމާތު ދިނެވެ.

މީގެ އިތުރުން އެމިނިސްޓްރީ އިން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މި ކޮންސަލްޓެންސީގެ ދަށުން މި މަޝްރޫއު ކާމިޔާބުކަމާއި އެކު ކުރިއަށް ގެންދިއުން ކަމަށާއި، މިކަމުގެ ސަބަބުން އިންގިލާބީ ހެޔޮ ބަދަލެއް ރާއްޖޭގެ އިގްތިސާދަށް ލިބިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.