ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ ހަތަރު އަތޮޅަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ރީނދޫ ސަމާލު ނެރެފައި ވަނީ، ތ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށެވެ. މި ސަމާލު ނެރެފައިވަނީ މިރޭ 12:00 އިން ފަށައިގެން މެންދަމު 2:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ރީނދޫ ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް، ސަމާލުގެ މުއްދަތުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި މި ސަރަޙައްދަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެފައި ވެއެވެ.

މޫސުމާއި ބެހޭ އިދާރާއިން ހަތަރު އަތޮޅަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު، މި އަތޮޅުތައް ހިމެނޭހެން ރާއްޖޭގެ 15 އަތޮޅަކަށް މިރޭ 23:30 އިން ފަށައިގެން މެންދަމު 3:00 އާއި ހަމައަށް ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ވިއްސާރަ ކުރަމުންދާއިރު، ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައްވެސް ގަދަ ދުވަސްވަރަކަށް ވުމުން، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިދާރާތަކުން އިލްތިމާސް ކުރެއެވެ.