ސީރިއާގައި ހާލުގައި ޖެހިފައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ސީރިއާގައި ހަރަކާތްތެރިވަމުން ގެންދާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ ފުލުހުންގެ ޓީމެއް އެއްވެސް އިރެއްގައި ސީރިއާގައި ހަރަކާތްތެރިވެފައި ނުވާ ކަމަށާއި މިހާރު ވެސް ސީރިއާގައި ފުލުހުން ހަރަކާތްތެރިވަމުން ނުދާ ކަމަށެވެ. ނަމަވެސް އެ ގައުމުގައި ތިބި ދިވެހިން ރާއްޖެ ގެންނަން ސަރުކާރުން ނިންމާފައި ވާތީ ކަމާ ބެހޭ ވުޒާރަތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ސީރިއާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ފުލުހުން ކުރާ މަސައްކަތުގެ ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ފުލުހުން ސީރިއާގައި ހަރަކާތްތެރިވަމުން ނުދާކަމަށް ފުލުހުން ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ޓީމެއް ސީރިއާގައި ހަރަކާތްތެރިވަމުންދާ ކަމަށް ބައެއް މީޑިއާތަކުން އިއްޔެ ރިޕޯޓް ކުރުމާއި ގުޅިގެންނެވެ.

ދާދިފަހުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ ސީރިއާ އާއި އިރާގުގައި ހިނގަމުން ދާ، ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ދާން 423 ދިވެއްސަކު މަސައްކަތް ކުރި ކަމަށެވެ. އޭގެ ތެރެއިން އެކަން ކާމިޔާބުވެ ސީރިއާ އަދި އިރާގަށް ދެވުނީ، 173 ދިވެއްސަކަށް ކަމަށްވެސް ކޮމިޝަނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭގެ ތެރެއިން 90 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ މަރުވެފައެވެ.

ސީރިއާގައި ތިބި ދިވެހިން ގެންނަން ސަރުކާރުން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް އެކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސީރިއާގައި ތިބި ދިވެހިންގެ އަތުގައި އެމީހުންނަކީ ކޮންބައެއްކަން އަނގައިދޭނެ ލިޔެކިޔުމެއް ނެތުމާއި ބައެއް މީހުންނަށް ކުދިން ލިބި، އެކުދިންގެ އެއްވެސް ރަޖިސްޓްރީއެއް ނެތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. Anonymous

  ދޮގުހަދަން ފަށައިފިނަމަ އެމީހާގެ ޒަމީރުގެ ނުބައިކަމުގެ ތެރެއަށް ވެއްޓި ގެއްލު ހަލާކުވީ.. ފުލުހުން ހޮޔޮނުވާނެ ތިހާ ނުލަފާވާން. ﷲ ވޮޑިގެންވާކަން ހަނދާންކޮށްބަލަ.

  8
  1
 2. Anonymous

  ގޭދޮށު ކުދިންކޮޅެއް ޙަރަކާތްތެރިވަނީ

  6
  1
 3. ކިނބޫ

  ސީރިއާގައި ދިވެހި ފުލުހުން ހަރަކާތްތެރިވާ ކަމަށް ވާހަކަ ފެތުރީވެސް ކަލޭމެން.، ހިނގާފަ ހުރި މަރުތަކާ ބެހޭގޮތުންވެސް އޭރުގެ ސަރުކާރު ބަދުނާމު ކުރަން ބޮޑެތި ބުހުތާނު ހެދި ގޮތަށް ދެއްކި ވާހަކައެއް އެވެސް. އެއިން އެއްވެސް ވާހަކައެއްގަ ހަގީގަތެއް ނެތްކަންވެސް ތިޔަބައިމީހުންގެ އަމިއްލަ އިއުތިރާފުން އެންމެ އާދައިގެ މީހާއަށް ސާބިތުވާ މިންވަރަށް ތިލަވަމުން ތިހިރަދަނީ.

  6
  1