ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށް ފަހުން ވަޒީފާ އިން ވަކިކުރި ފުލުހުން އިއްޔެ މާފުށީ ޖަލަށް ބަދަލު ކޮށްފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވަނީ އެސްއޯގެ ޕްލެޓޫނެއްގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓަ އޮފް ޕޮލިސް ސައިފު ހުސައިންއާއި، ސްޓޭޝަން އިނިސްޕެކްޓަ ފާއިޒު މުހައްމަދާއި ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލު ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިންއާއި ސާޖެންޓު އަހުމަދު އާސިމް ހިމެނެއެވެ.

ހައްޔަރުކޮއްފައިވާ ކުރީގެ ފުލުހުންގެ މައްޗަށް ގާނޫނުގައިވާ ވާޖިބެއް އަދާނުކޮށް ދޫކޮށްލުމާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ތުހުމަތު ވަނީ ކޮށްފައެވެ.

ވާޖިބު އަދާ ނުކުރުމުގެ އިތުރުން ނިރުބަވެރިކަން މަނާކުރުމުގެ ގާނޫނުގެ ދަށުން، ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވަން އުޅުމާއި އަދި ގާނޫނާ ހިލާފަށް ސިޔާސީ އަދި ދީނީ ވަކި ފިކުރެއް ކުރިއެރުވުމުގެ މަގްސަދުގައި އާންމުންނަށް ނުވަތަ ބައެއް އާންމުންގެ ސަލާމަތަށް ބޮޑު ނުރައްކަލެއްވާ ފަދަ ހާލަތެއް ކުރިމަތިކުރުވަން އުޅުމާއި ނިރުބަވެރި އަމަލެއް ހިންގުމަށް އެއްވެސް ސިފައެއްގައި އެހީތެރިވެދިނުން ނުވަތަ ބައިވެރިވުމުގެ ތުހުމަތު އެމީހުންނަށް ކުރެ އެވެ.

މި މީހުން ހައްޔަރު ކުރީ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމާއި ސަލާމަތީ ބާރުތަކާ ދެކޮޅަށް ނިކުމެ، އަމަން ބަލަހައްޓަން ތިބި ފުލުހުންނާ މެދު މާރާމާރީ ހިންގައިސަލާމަތީ ބާރުތަކާ މެދު އިތުބާރު ގެއްލުވާލުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތުގަ އެވެ.

ފުލުހުންގެ ވަޒީފާގައި ތިއްބާ ހައްޔަރުކުރި މީހުންގެ ޝަރީޢަތް އަދި ނުފަށައެވެ.