މިއަދު އޮތް އެންމެ ބޮޑު މައްސަލަ އަކީ ފަހުރުވެރި ދިވެހިބަހުގެ ތެރެއަށް އިނގިރޭސިބަސް ވެއްދުން ކަމަށް ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް ދެއްވި ބަސްދީގަތުމެއްގައި އެކަޑަމީގެ ރައީސް ވިދާޅުވީ މިއަދު އޮތް އެންމެ ބޮޑު މައްސަލަ އަކީ ފަހުރުވެރި ދިވެހިބަހުގެ ތެރެއަށް އިނގިރޭސިބަސް ވެއްދުން ކަމަށެވެ. އަދި އެ ބަސްތައް ވަނީ ދިވެހި ބަހަށް ބަދަލުކޮށް ދިވެހިބަހުން އެ ބަސްތައް ކިޔޭނެ އިންތިޒާމް ހަމަޖައްސައިދީފައި ކަމަށް އަޝްރަފް ވިދާޅުވިއެވެ.

އަދި މި ފަހުރު ދަމަހައްޓަން ނުވަތަ ދެމެހެއްޓުމުގެ ވިސްނުން އޮތްނަށް ޖެހޭނެ ކަމަށާއި އަމިއްލަ ދިވެހި ވަންތަކަމުގެ ފަހުރުކަމަށްވާއިރު އެ ބަހަށް އިހާނެތިކޮށް ނުހިތުމަށް އަޒުމް ކަނޑައެޅީމާ އެ ވިސްނުން ބަދަލުވާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަމުގެ ފަހުރުކަން ދަނެގެން ފަހުރު ދަމަހައްޓަން ނުވަތަ އެ ދެމެހެއްޓުމުގެ ވިސްނުން ހުރީމަ އެ ނިމުނީ. އަޅުގަނޑުމެންގެ ފަހުރަކީ ދިވެހިބަސް ކަމުގައި ވީހިނދު، އެ ނަގާނުލުމަށް އެއަށް އިހާނެތިކޮށް ނުހިތުމުގެ އަޒުމުގައި އަޅުގަނޑުމެން މަސައްކަތް ކުރީމަ އެ ވިސްނުން ބަދަލުވާނެ." އެކަޑަމީގެ ރައީސް އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ ދިވެހިންނަކީ އެއް ދިދައެއްގެ ދަށުގައި މިނިވަން މުސްތަގިއްލު ޤައުމެއް ކަމަށާއި ދިވެހިބަސް ކުރިއެރުވުމުގެ ގާބިލްކަން މިއަދުގެ ދިވެހިންގެ ކިބައިގާ އެބަހުރި ކަމަށެވެ.

ދިވެހި ފޮތް ކިޔުމުގެ މައްޗަށް ބާރުއެޅުމުގެ ގޮތުން މުވައްޒަފުންގެ ތެރޭގައި ކުރެވިދާނެ ކަންތައްތަކެއް އަހަރުގެ ތެރޭގައި ރާވައިން ކުރިއަށް ގެންދެވުމަށް އަޝްރަފް އެދިވަޑައިގެންނެވިއެވެ.

ދިވެހި ބަސް ކުރިއެރުވުމަށް ކުރައްވާފައިވާ ކަންތައްތަކަށް އަލިއަޅުއްވާލައްވަމުން އަޝްރަފް ވިދާޅުވީ އަތުލިޔުމުގެ ގައުމީ މުބާރާތެއްވެސް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދިޔަ ކަމަށާއި އެފަދަ ކަންތައްތައް ކުރިއަށް ގެންގޮސް އެކިފަރާތްތަކުން ބޭނުންވާ އިތުރު ކަންކަން ހިމަނައިލައިގެން ބޭނުންކުރެވޭނެ ގޮތަށް ތައްޔާރުކުރެވިފައިވާ އެޖެންޑާއެއް މިހާރު އާންމު ކުރައްވާފައި ވާނެ ކަމަށެވެ.

"އަތުލިޔުމުގެ ގައުމީ މުބާރާތެއްވެސް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދިޔަ، އެފަދަ ކަންތައްތައް ކުރިއަށް ގެންގޮސް އެފަރާތަކުން އެކަމަކަށް އިތުރުކުރަން ބޭނުންވާ ކަންކަމެއް ހިމަނައިލައިގެން އެޖެންޖާއެއް އެކުލަވާލާފައި އޮންނާނެ." އެކަޑަމީގެ ރައީސް ވިދާޅުވިއެވެ.

ދިވެހިބަސް ކުރިއެރުވޭނީ ދިވެހިންނަށް ކަމަށާއި އެކަން ކުރަން އެހެން ބަޔަކު ނާންނާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

ދިވެހިބަހަށް އިސްކަން ދިނުމުގެ ޤާނޫނެއް ފާސްކޮށް އެޤާނޫނުގެ ދަށުން ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 14 ވަނަ ދުވަސް ފާހަގަ ކުރަމުންދާއިރު، ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ރާއްޖޭގެ އަތޮޅުތަކާއި މާލޭގެ ސްކޫލުތަކުގައާއި ސަރުކާރު އޮފީސްތަކުގައި އަދި އަމިއްލަ ޖަމިއްޔާތަކުގައި އިއްޔެއާއި މިއަދު ވަނީ ކުލަގަދަކޮށް ކުރިއަށް ގެންގޮސްފައި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރާބިޢާ ޙަސަން

    ދިވެހިބަސްކޮށާރު ފަޤީރުކަމުން އެހެންވަނީ! ޅެމެއްހެދިޔަސް ބައިތު އޮމާންކުރަންލާނޭ ދިވެހިބަހެއް ނުފެނޭ! ދެން ޖެހެނީ ބޭރުބަހެއް ބޭނުންކުރަން! އަލަށް އުފައްދާ ދިވެހި ނަމުގައި އޮއްޓަރެއް ނުހުރޭ! ކިޔަންވެސް އެހަ އުދަގޫ! "ބާޣު ، މީގެ ދިވެހިބަސް ކޮބައިތޯ؟

  2. ނަޖްވާ

    އާނ ދޯ އެކަޑަމީވެސް ހަމަ ހަރުކޮށް ދުވެފަ ގޮސް ވަދެފި ވިއްޔަ ދިވެހިބަހުގެ އެކަޑަމީ ތެރައަށް!

  3. ނޯ

    ވަރަށް ފޭކު، ދިވެހި ބަހުގެ އެކެޑަމީ އިން އެހެންބުނި އިރު އެކެޑެމީވެސް އެއީ އިނގެރޭސި ބަހެއް...