މިދިޔަ އާދީއްތަ ދުވަހު މާލެ އަތޮޅު ކަގީ ފަރަށް އެރި މުދާ އުފުލާ ދޯނީ ޓީޓީއެސް ފާންގެ ކައްޕި، މުހައްމަދު ޔޫސުފް، 37، އަދިވެސް ނުފެންނައިރު، އޭނާ ހޯދުމުގެ މަސައްކަތް މިއަދުވެސް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެެއެވެ.

ފަރަށް އެރި އެ ދޯނީގެ ކައްޕި ގެއްލުނުތާ މިއީ ހަ ދުވަހެވެ. އެ ދޯނީގައި ކައްޕި ހުއްޓާ މިދިޔަ އާދީއްތަ ދުވަހުވެސް އެ ސަރަހައްދުން ދަތުރު ކުރި ބަޔަކަށް ފެނިފައި ވެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، ފަރަށް އެރި ދޯނީގެ ކައްޕި ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށް ދާ ކަމަށެވެ.

އާޒިމް ވިދާޅުވިގޮތުގައި، ފަރަށް އެރި އެ ދޯނި އަދިވެސް ފުން ނުކުރެވެއެވެ. އެ ދޯނި ފުން ކުރުމުގައި އުޅެމުން ދަނީ އެ ދޯނީގެ ވެރި ފަރާތުންނެވެ.

ޔޫސުފް ގެއްލުނު މައްސަލަ ފުުލުހުންވެސް ދަނީ ކުރަމުންނެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ. އެގޮތުން އެ ދޯނި ފަރަށް އެރީ އާދީއްތަ ދުވަހު ނަމަވެސް، އެކަން ހޯމަ ދުވަހު ހާމަކޮށްފައި ވަނީ، ޔޫސުފް ގެއްލިގެން ކަމާއި، އެ ދޯނި ފަރަށް އެރިކަން އެއިރު ހާމަކޮށްފައި ނުވުމާއި، ދޯނި އޮތީ ފަރަށް އަރާފައި ކަމަށް ބުނަން ދަތިކަމަށާއި ބެލެވޭ ގޮތުގައި ދޯނި އޮތީ ގަސްދުގައި ފަރަށް އަރުވާލާފައިކަމަށްއެ ދޯނި ފެނުނު ބައެއް މީހުން ބުނެފައިވުން ހިމެނެއެވެ.

ޔޫސުފް ގެއްލުނުއިރު ދޯނީގައި ދެ ބިދޭސީއަކު ތިބިއިރު، އިތުރު ދިވެއްސަކު އެ ދޯނީގައި ހުރިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.