ފަނޑިޔާރު އަލީ ހަމީދާ ގުޅުން ހުރި ގެއިން 38 މިލިއަން ރުފިޔާ ފެނުނު ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް މޯލްޑިވްސް ޕޮލިސް ސާވީސް އިން ވިދާޅުވެއްޖެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ފުލުހުން ވަނީ އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 3.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 215،000 ޔޫއެސް ޑޮލަރާއި 150،000ރ. ކަމަށް އެ ދުވަހު ފުލުހުން ބުންޏެވެ.

އަދި އެ އަދަދު 38 މިލިއަން ރުފިޔާ ކަމަށް މިދިޔަ އާދިއްތަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާން ކުރެވުނީ އޮޅުމަކުން ކަމަށް ވެއެވެ.

އެ ފައިސާތައް ފެނިފައި ވަނީ އަލީ ހަމީދުއާ ގުޅުންހުރި ގެއަކުން ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް އެއީ ކޮން ގެއެއްކަން ފުލުހުން ހާމަަކޮށްފައެއް ނުވެއެވެ.

އަލީ ހަމީދު މިހާރު ހުރީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުޢީ ޙުކުމްތައް ވަކި ގޮތަކަށް ކުރުމާއި، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރުމާއި، ދައުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާޢީ އަދުލުގެ ނިޒާމް ހިންގުމަށް ޤަސްދުގައި ހުރަސް އެޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.

އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ބައެއް ދައުވާތަކުގެ ޝަރީޢަތް ވެސް މިހާރު ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ.

މީގެ އިތުރުން އޭނާ ބިދޭސީ އަންހެނަކާއި ބަދުއަޙަލާޤީ އަމަލު ހިންގި ކަމަށް ބުނާ މައްސަލަ ވެސް ފުލުހުން މިހާރު ތަޙްޤީޤު ކުރަމުންދާ ކަމުގެ މައުލޫމާތު މިހާރު ވަނީ ލިބިފައެވެ.