ރާއްޖެ އިން އިތުރު ފައިސާތަކެއް ހޯދަން އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދައުވާ އެއް ނުކުރެވޭނެ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ޖީއެމްއާރްއާ ހަވާލުކުރި އެއްބަސްވުން ދިވެހި ސަރުކާރުން އުވާލުމުން 271 މިލިޔަން ޑޮލަރު އެ ކުންފުންޏަށް ދައްކަން އާބިޓްރޭޝަނުން ކުރިން ނިންމާފައިވާއިރު އެ ފައިސާ ސަރުކާރުން ވަނީ އެއްފަހަރާ ދައްކާ ނިންމާފައެވެ.

ނަމަވެސް އިތުރު 15 މިލިއަން ޑޮލަރު ހޯދުމަށް ޖީއެމްއާރް އިން އާބިޓްރޭޝަނަށް އަނެއްކާވެސް މައްސަލަ އެއް މިދިޔަ އަހަރު ހުށަހެޅިއިރު އާބިޓްރޭޝަނުން ވަނީ މިދިޔަ ހަފްތާގައި އެކަމާ މެދު ގޮތެއް ނިންމާފައެވެ.

އެގޮތުން އާބިޓްރޭޝަނުން ވަނީ އެމްއޭސީއެލް އިން ޖީއެމްއާރް އަށް ދައްކަންޖެހޭނީ 23،000 ޑޮލަރު ކަމަށް ކަނޑައަޅާފައެވެ. އަދި މި މައްސަލައިގައި ޖީއެމްއާރަށް ދެން އިތުރު ދައުވާއެއް ނުކުރެވޭނެ ކަމަށް ވެސް އާބިޓްރޭޝަނުން ވަނީ ނިންމާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޖީ.އެމް.އާރު ކުންފުންޏަށް ކުއްޔަށްދީފައިވަނީ 28 ޖޫން 2010 ގައެވެ. އަދި އެ އެގްރީމެންޓް ނިމުމަކަށް ގެނެސްފައިވަނީ 27 ނޮވެމްބަރު 2012 ގައެވެ.

ޖީއެމްއާރު ކުންފުނި އަތުން އެއަރޕޯޓު ހޯދައި، އެތަނުގެ ހިންގުމާއި އެމްއޭސީއެލް ހަވާލުވި އަހަރު، އެމްއޭސީއެލްއަށް ފައިދާގެ ގޮތުގައި އެއް ބިލިޔަން ރުފިޔާ ލިބުނުކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގެވުމާ ދިވެހި ސަރުކާރުން ހަވާލުވިފަހުން، ދިވެހި ސަރުކާރުން ވަނީ އެއަރޕޯޓް ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭނެއް އިޢުލާނުކުރައްވައި އެކަމުގެ ޢަމަލީ މަސައްކަތް ފައްޓަވާފައެވެ.