މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ގެސްޓްހައުސް އެއްގައި، ޕާޓީ ކުރަނިކޮށް މަރުވި ދެ ޒުވާނުންގެ ތެރެއިން އަންހެން މީހާގެ މަރުގެ މައްސަލައިގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.

ހުޅުމާލޭގައި ކުއްލި ގޮތަކަށް އެރޭ ނިޔާވެފައި ވަނީ، ތ. ތިމަރަފުށީ އަހުމަދު ހާމީން (21) އާއި ދަފްތަރު ފާތުމަތު ސަމާ (18) އެވެ.

މި ދެ ޒުވާނުން މަރުވި މައްސަލައިގައި، ދައުލަތުން ވަނީ ފަސް ޒުވާނެއްގެ މައްޗަށް ދަޢުވާ އުފުލާފައެވެ. ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ އެ މައްސަލާގައި ދަޢުވާކުރަނީ ތ. ތިމަރަފުށީ ވައިޓްހައުސް، ހަސަން ޒިދާން އާއި ހުޅުމާލޭ ފްލެޓް ނަމްބަރު 05-13-3، އަޙްމަދު އަމާން އާއި ސ. ހިތަދޫ ސެނޯރާމާގޭ، މަރްޔަމް މައިޝާ އާއި ތ. ތިމަރަފުށީ ވީނަސްވިލާ، އާދަމް ޝާހީން އާއި އެރަށު ސަނީމަންޒިލް މަރްޔަމް ޢަފާއަށެވެ.

ގާނޫނުލް އުޤޫބާތުގެ 618 ވަނަ މާއްދާގެ ދަށުން މި ފަސް މީހުންގެ މައްޗަށް އުފުލާފައިވަނީ، އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދަޢުވާ އެވެ. މި ކުށް ސާބިތުވެއްޖެނަމަ އެފަރާތްތަކަށް އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.

މި ދަޢުވާ ލިބޭ ފަސް މީހުންގެ ތެރޭގައި ހިމެނޭ ޒިދާންގެ މައްޗަށް ދައުލަތުން ވަނީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާ ވެސް އުފުލާފަ އެވެ.

މިއަދު މި ފަސް މީހުންގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔައިރު، ވަކީލަކު ހަމަޖައްސާފައި ނުވާތީ ޒިދާނަށް ވަކީލަކު ހަމަޖެއްސުމަށް ދިހަ ދުވަހުގެ މުހުލަތެއް ދިނުމަށްފަހު، ކުރިއަށްގެންގޮސްފައި ވަނީ ދެންތިބި ހަތަރު މީހުންގެ މައްސަލައެވެ. މިއަދުގެ އަޑު އެހުމުގައި އެ ހަތަރު މީހުންވެސް ވަނީ އެމީހުންގެ މައްޗަށް ކުރެވޭ ދަޢުވާއަށް އިންކާރުކޮށްފައެވެ.

ދައުލަތުން ދަޢުވާކުރާ މީހުން ހައްޔަރު ކުރުމަށްފަހު ފުލުހުން އެމީހުންގެ މައްޗަށް 12 ތުހުމަތެއް ކޮށްފައިވެ އެވެ. އޭގެތެރޭގައި ކެނެބިސް ޓްރެފިކް ކުރުމާއި، ޕެޑެލްކުރުމާއި، މުއާމަލާތްކުރުމާއި، ޑައިމޯފިން ޓްރެފިކްކުރުމާއި، ޕެޑެލްކުރުމާއި، މުޢާމަލާތްކުރުމާއި، މީހަކު މަރުވުމަށް އެހީތެރިވެދިނުމާއި، މީހަކު އަމިއްލައަށް މަރުވާން އެދުމާއި އަދި އަމިއްލައަށް މަރުވާން މަޖުބޫރުކުރުން ފަދަ ކުށްތަކެއްގެ ތުހުމަތު ހިމެނެ އެވެ.

ހުޅުމާލޭގައި ހިނގި ހާދިސާގައި ކުއްލި ގޮތަކަށް މަރުވި ހާމީން އާއި ސަމާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އެމީހުން މަރުވީ ރަހުމަތްތެރިއެއްގެ އުފަންދުވަހުގެ ޕާޓީއެއް ފާހަނގަކުރުމުގެ ތެރޭގައި މަސްތުވާ ބާވަތަަކަށް އޯވަޑޯޒް ވެގެން ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަލާހު

    އެއްޒަމާނެއްގައި އިންޑިއާ ކަނޑުގައި އުފެދިފައި އޮތް ޖަޒީރާގައުމެއް ކަމައްވާ ދިވެހި ރާއްޖޭގައި ހުޅަނގު ދޮންމީހުން އުފާވާނެ ގޮތަށް މަކަރާއި ހީލަތުން ވެރިކަން ކުރި ކަމަށް ބުނާ ގ.ކެނެރީގޭ ކޮކަޑި ކުމާރު ނަމަކަށް ކިޔާ އެޖެންޓެއްގެ ވާހަކަ އަނެއްކާވެސް ރާއްޖެ ހިމެނޭ ކަނޑުއޮޅިން ތިލަވެގެން މިއައީ އަލަށް ކައިވެނިކުރާ ދެމަފިރިން ވެސް ކޮންމެހެން ޕާޓީ ކުރަން ޖެހޭކަމަށާއި ބުރުގާވެސް ކޮންމެހެން އަޅަނެ ނުޖެހޭނެކަމަށް ބާރު އަޅަމުންނެވެ. އެވާހަކަތަށް ތިލަވެގެން އައި އިރު މިދެންނެވި ކަހަލަ ކަންކަން ކޮށްގެން ހިނގައިދިޔަ ހިތާމަވެރި މަރުގެ މައްސަލައެއް ވެސްދަނީ ތަހުގީގު ކޮށް ޝަރީޢަތް ހިންގަމުންނެވެ.