ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާ ގުޅިގެން އެ ގައުމުގެ ބައެއް ސިޓީތަކުގައި އުޅޭ އެހެން ގައުމުތަކުގެ މީހުން އެ ސިޓީން "ބޭރު"ވާން އަންގައިފިއެވެ.

ޗައިނާގެ ބައެއް ސިޓީތަކުގައި ދިވެހިންވެސް އުޅެމުންދެއެވެ. އަދި އެ ސިޓީތަކުގައި އުޅޭ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ ޗައިނާގެ ބެއިޖިންގގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީންނެވެ. އަދި ފޮރިން މިނިސްޓްރީން ވަނީ އެއްވެސް ޗައިނާގައި ދިރިއުޅޭ ދިވެހިން އެއްވެސް އެހީތެރިކަމަށް ބޭނުންވާނަމަ، އެމްބަސީއަށް ގުޅުމަށް ނުވަތަ 798،3400 އަށް ގުޅުމަށް އެދިފައެވެ.

ޗައިނާގެ ފުޖިއަން ޕްރޮވިންސްގެ ދިރިއުޅެމުން އަންނަ ދިވެއްސެއްގެ މައިންބަފައިން ބުނީ، ޒިއަމެން ސީޓީގައި ދިރިއުޅެމުންދާ ދިވެހިން އެ ސިޓީން ބޭރުވުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

"އެ ސިޓީ ފަސް ދުވަސް ތެރޭގައި ބަންދުވާނެ ކަމަށް ބުނަނީ، އެހެންވެ ފަސް ދުވަސް ކުރިން އެ ސިޓީން ނުކުތުމަށް އެ ކުދިންނަށް ވަނީ އަންގާފައި

އެ ދިވެހި ޒުވާނާގެ މައިންބަފައިން ބުނާގޮތުގައި، އެ ސިޓީގައި ހަތަރު ދިވެއްސަކު އުޅެމުން ދެއެވެ.

"ސަރުކާރުން އަދި އެ ކުދިންނަށް އެހީއެއް ނުވޭ، ފޮރިން މިނިސްޓްރީއަށްވެސް ގުޅިއްޖެ.. އަދިވެސް ޖަވާބެއް ނުލިބޭ.. އެ ބޭފުޅުންނަށް ގުޅީމަ ބުނަނީ ގުޅާނެ ކަމަށް. އެކަމަކު އިތުރު ޖަވާބެއް ނުލިބޭ".

އެ ސިޓީގައިވެސް މިހާރު ހަތް ވަރަކަށް މީހުންނަށް ކޮރޯނާ ވައިރަސް ވަނީ ޖެހިފައެވެ.

މިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ވިދާޅުވީ، އެމްބަސީން އެކަމުގައި ކޮޑިނޭޓް ކުރަމުންދާނެ ކަމަށެވެ.

ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އެ ގައުމުގެ ބައެއް ސިޓީތައް މިހާރު ވަނީ ކަރަންޓީންކޮށްފައެެވެ.