ރެއާލް ވަލަޑޮލިޑްގެ މައްޗަށް ހަނި މޮޅެއް ހޯދައި ރެއާލް މެޑްރިޑުން ސްޕެނިޝް ލީގު ތާވަލުގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

ރަށުން ބޭރުގައި ރޭ މި ދެޓީމް ރޭ ބައްދަލުކުރި މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވަލަޑޮލިޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ މިހާފުގައި ޕްރެސް ކޮށްގެން ކުޅެ މެޑްރިޑުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މެޗުގެ ކުރީކޮޅު މިޑްފީލްޑަރު މިކެލް ހެރޭރޯ ފޮނުވާލި ބޯޅައިން މެޑްރިޑުގެ ގޯލު ސަލަމާތްކޮށްދިނީ ކީޕަރު ކޯޓުއާ އެވެ. ކޯޓުއާ ވަނީ ފުރަތަމަ ހާފު ނިމެން ކައިރި ވެފައި ވަނިކޮށް އޭރިއާ ބޭރުން ރައުލް ގާސިއާ ފޮނުވާލި ބާރު ހަމަލާއެއް ވެސް މަތަކޮށްފައެވެ.

ފުރަތަމަ ހާފުގައި މެޑްރިޑުން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކަރިމް ބެންޒެމާ އަށެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުހަށްހުރެ ބެންޒެމާ ފޮނުވާލި ހަމަލާ ކީޕަރު ވަނީ މަތަކޮށްފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 78 ވަނަ މިނެޓުގައި ޓޯނީ ކްރޫސް ނަގައިދިން ކޯނަރެއްގައި ޖެހީ ނަޗޯ ފާނަންޑޭޒް އެވެ. އޭގެ ދެ މިނެޓު ފަހުން ނަތީޖާ އެއްވަރު ކުރުމަށް ވަލަޑޮލިޑްގެ ފޯވަޑް ސާޖީ ގާޑިއޯލާ އަށް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ މެޑްރިޑްގެ ޑިފެންޑަރު ފާލަންޑް މެންޑީ ވަނީ ބްލޮކް ކޮށްފައެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް ކޯނަރެއްގައި ގާޑިއޯލާ މެޑްރިޑްގެ ގޯލަށް ބޯޅަށް ވައްދާލި ނަމަވެސް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ބުނެ އެ ލަނޑު ބާތިލް ކޮށްފައެވެ.

މި މޮޅާއެކު ރެއާލުން އެއްވަނަ މަގަމާށް ޖެހިލީ ކުރިން އެއްވަނައިގައި އޮތް ބާސެލޯނާ އެޓީމު ކުޅުނު މެޗުގައި ވެލެންސިއާ އަތުން ބަލިވުމުންނެވެ. ލަލީގާގައި މިހާތަނަށް ރެއާލް އާއި ބާސާ ވެސް 21 މެޗު ކުޅެފައިވާއިރު ރެއާލް އެއްވަނައިގައި އޮތީ 46 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 43 ޕޮއިންޓާއެކު ބާސާ އޮތް އިރު ތިންވަނައިގައި އޮތީ 38 ޕޮއިންޓާއެކު ގެޓާފޭ އެވެ. ރޭގެ މެޗުން ބަލިވި ރެއާލް ވަލަޑޮލިޑް އޮތީ 22 ޕޮއިންޓާއެކު ތާވަލުގެ ސޯޅަ ވަނައިގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެސަމީރޯ

    ހަސަދަވެރިވިޔަސް ބޮޑުވަރު. ލިޔުންތެރިޔާއަށް ކެސަމީރޯ ޖެހި އޮފްސައިޑް ނުފެނި މި ފެނުނީ ގާޑިއޯލާ ޖެހި އޮފްސައިޑް ލަޑު.