ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓާފައި އޮތްނަމަވެސް އެމައްސަލަ އަލުން ރިވިއު ކުރަން ދައުލަތުން މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ބަންޑާރަނައިބުގެ އޮފީހުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކުރައްވާފައިވާ ޙުކުމް ރިވިއުކުރުމަށް ސުޕްރީމް ކޯޓަށް ބަންޑާރަނައިބުގެ އޮފީހުން މިއަދު ހުށަހަޅުއްވާފައިވާ ކަމަށެވެ.

ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ބަދަލުގެ ގޮތުގައި ދީބާޖާ އަށް 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުން ބަދަލުކުރައްވައި، އެ މައްސަލަ ރިވިއުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ރައީސް ބަންޑާރަނައިބަށް އެންގެވީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

އުތުރު ޕްރޮޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް މިއަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.

ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައި އޮންނަ ސެޓްލްމަންޓް ކޮމެޓީން ވަނީ އެ ހުކުމާ ގުޅިގެން ދީބާޖާއާ އެކު މަޝްވަރާކޮށް ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަށް އެއްބަސްވެފައެވެ. އެމަޝްވަރާތަކަށް ފަހު ބަދަލުގެ ގޮތުގައި 174 މިލިއަން އެ ކުންފުންޏަށް ދޭން ނިންމެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ދީބާޖާއަށް ބަދަލުގެ ގޮތުގައި 348 މިލިއަން ދައްކަން ސިވިލް ކޯޓުން ކުރިން ކުރި ހުކުމް ހައި ކޯޓުން މިދިޔަ އަހަރު ބާތިލްކުރި އެވެ. ނަމަވެސް ހައި ކޯޓުން އެ މައްސަލަ ބަލައިގެންފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށްވާތީ ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ އެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.