ހައަހަރުގެ ކުއްޖަކު އިއްޔެ ބައްޕަ ކައިރީ ހުއްޓާ ކުއްޖާގެ މާމަ އާއި ހަވާލު ކުރަން ފުލުހުން މަސައްކަތް ކުރުމުން ހަމަނުޖެހުން ހިނގާފައި ވަނިކޮށް އެކުއްޖާގެ ޤާނޫނީ ބެލެނިވެރިން ހޯދަން ދައުލަތުން ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ކުއްޖާ ބައްޕަ ކައިރީ ހުއްޓާ ފުލުހުން އިއްޔެ އެކުއްޖާ މަންމަ ފަރާތު މާމަ އާއި ހަވާލު ކުރަން އުޅުމުން ހަމަނުޖެހުން ހިނގީ މ.އަތޮޅު މުލަކުގައެވެ. އެކުއްޖާ އަކީ މުލަކު ފިރިހެނަކާއި ތ.އަތޮޅު ތިމަރަފުށީ އަންހެނަކަށް ލިބިފައިވާ ކުއްޖެކެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިރޭ ވިދާޅުވީ މެދުރާއްޖެތެރޭ ރަށެއްގައި ދިރިއުޅޭ 6 އަހަރުގެ ކުޑަ ކުއްޖަކާ ހަވާލުވެތިބި ފަރާތްތަކުން އިޙްމާލުވަމުންދާ މައްސަލައަކާ ގުޅިގެން އެ ކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން ދައުލަތަށް ނެގުމާބެހޭ މައްސަލައެއް ދައުލަތުގެ ފަރާތުން ފެމެލީ ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

މި ކުއްޖާއަކީ ނުރައްކަލަށް ހުށަހެޅިފައި ހުރި ކުއްޖެއް ކަމުގައި ބެލެވޭތީ މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވާ ދެއްވުމަށް ދައުލަތުގެ ފަރާތުން އެދުމުން، މި މައްސަލައިގެ އަޑުއެހުމެއް ފެމެލީ ކޯޓުގައި މިރޭ ވަނީ ތާވަލު ކޮށްފައެވެ.

މުލަކުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އުމުރުން ހަ އަހަރުގެ އަންހެން ކުއްޖާ، ކުއްޖާގެ ބައްޕަގެ ބެލެހެއްޓުމުގެ ދަށުގައި ހުރީ އެކުއްޖާ ބެލުމުގައި ކުއްޖާގެ މާމަ އާއި ފަރުވާ ކުޑަކޮށް، ކުއްޖާއަށް އަނިޔާ ކުރަމުން ގެންދާތީއެވެ.

"ކުއްޖާ 2016 ވަނަ އަހަރު މަންމަ ފަރާތު މާމަ އާއި ހަވާލުކުރަން ކޯޓުން އޮތީ އަމުރުކޮށްފައި. ކުއްޖާ ހުރީ މާމަ އާއި މަންމަ ކައިރީގައި. ނަމަވެސް ކުއްޖާގެ މާމަ އާއި މަންމަ ކުއްޖާ ބެލުމުގައި އައީ އިހުމާލު ވަމުން. ބަލިވުމުން ޑޮކްޓަރަކަށް ނުދައްކާ، ކުއްޖާ ސާފުތާހިރުކޮށް ބަލަހައްޓަމުންނެއް ނުދޭ. މާމަ އާއި މަންމަ އަނިޔާ ކުރާކަމަށް ކުއްޖާ ބުނޭ. އެހެންވެ މީގެ މަހެއްހާ ދުވަސް ކުރިން ކުއްޖާގެ ބައްޕަ ވަނީ އެކުއްޖާ އޭނާގެ ބެލުމުގެ ދަށަށް ގެންގޮސްފައި." އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މުލަކު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މާމަ އާއި މަންމަގެ ފަރާތުން އަނިޔާ ލިބޭ ކަމަށް ކުއްޖާ ތަކުރާރުކޮށް ބުނެބުނެ އޮއްވާ އެކުއްޖާ އެމީހުންނާއި ހަވާލުކުރުމެވެ.