މާލެ އަތޮޅު އިތާފުށި ކައިރީގައި ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދިވެއްސަކު ގެއްލިއްޖެއެވެ.

މިއަދު އިރާކޮޅު ހިނގި މި ހާދިސާގައި އެކްސިޑެންޓުވީ، އިތާފުށީ ދެ ލޯންޗު ކަމުގައިވާ އިތާފުށި 5 އާއި އިތާފުށި 3 އެވެ.

މި އެކްސިޑެންޓާއި ގުޅޭ މާ ބޮޑު މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް އެކްސިޑެންޓް ހިނގިފަހުން ނަގާފައިވާ ވީޑިއޯ އެއް މީސް މީޑިޔާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެއް ލޯންޗުގެ ބޮޑު ބައެއް ވަނީ ފުނޑުފުނޑު ވެފައެވެ. އެ ވީޑިއޯ އިން ލޯންޗުގެ ތެރެއިން ގިނަ އަދަދެއްގެ ލޭ ފެންނަ މަންޒަރު ވެސް ފެނެއެވެ.

އަދި ކޮންމެވެސް ބަޔަކު ލޯންޗުގައި ނެތް ކަމަށާއި "ފުލުހުންނަށް ގުޅާށޭ" ބުނާ އަޑު ވެސް އެ ވީޑިއޯ އިން އިވެއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވީ މާލެ އަތޮޅު ގުޅީގެ ހުޅަނގުން ހަ މޭލެ ބޭރުން ދެ ލޯންޗު އެކްސިޑެންޓު ވެގެން އުޅޭކަމުގެ މައުލޫމާތު މިރޭ 19:43 ހާއިރު ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި އެކަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ސަރަހައްދުގައި ކޯސްޓްގާޑް މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. މީގެ އިތުރުން ކޯސްޓުގާޑުގެ ޑައިވަރުން ދަނީ އެކްސިޑެންޓު ހިނގި ސަރަޙައްދުގައި ޑައިވް ކުރަމުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ގެއްލިފައިވަނީ އެކްސިޑެންޓުވީ ދެލޯންޗުގެ ތެރެއިން އެއް ލޯންޗުގެ ކައްޕިއެވެ.

މި ހާދިސާގައި އަނިޔާވި ދެމީހަކު އެހެން ދޯންޏެއްގައި މާލެ ގެނެސްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މީހެއް

    ދެރަ

  2. ސައު

    ދެރަ

  3. ާަިާރަބަރު

    ދެރަކަމެެކެެވެ.

  4. ތުގުވަ

    މިވަރުވެގެން ދާއިރު ކޮބައިތަ ޓްރާންސްޕޯޓު މިނިސްޓްރީ. ހަމަ މިކަހަލަ ބޮޑު އެކްސިޑެންޓެއް ހިނގާ ކޮންމެފަހަރަކު ޓީވީތަކަށް އަރާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގާނަމޭ، ގަވާއިދާ ހިލާފުވާ ކެޕްޓަނުންނާއި މެދު ފިޔަވަޅު އަޅާނަމޭ ކިޔާ ފޮނިއަނގަތަޅާފައި ދާގޮތަށް ބަހަބަރު. ކިހާ ހިތާމަވެރި ކަންކަން މިއީ. މީހެއްގެ ފުރާނަ އެދިޔައީ މިރޭވެސް. ތަންކޮޅެއް ރަނގަޅަށް މި ހައި ޓްރެފިކް ސަރަހައްދުތަކުގައި މި ލޯންޗު ކެޕްޓަނުންގެ އަމަލުތައް ހުންނަ ގޮތް މޮނިޓާރ ކުރެވޭނެ ގޮތްތަކެއް ހޯދަން ވެއްޖެނުން.

    • ހިޔާލު

      ދެން ލޯންޗު ކެޕްޓަނުންގެ ޒިންމާއަކީ ކޮބާތޯ؟ :/

  5. ހުސޭނުބެ

    ދޯނީގެ ކެޕްޓަން ފުރާނަ ސަލާމަތްވިކަމެއްވެސް އަދި ނޭގެ، އޭގެ ފަހުންތާ މައްސަލަ ބަލަންޖެހޭނީ.