ޕްރޮބޭޝަން މުއްދަތު އިތުރުކުރުމަކީ ބޭރުން ގެންނަ ބިދޭސީ މުއައްޒަފުން އަނބުރާ ފޮނުވާލުމަށް ދިމާވާނެ ބޮޑު ގޮންޖެހުމެއްކަމަށް ކުރީގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޒިންމާދާރު މަގާމުތަކަށް ގެނެވޭ ބިދޭސީންގެ އަތުގަ ގިނަ ފަހަރަށް އޮންނަނީ ފޭކް ސެޓުފިކެޓް ކަމަށް ވެފަ އެމީހުންއަށް ޕްރޮބޭޝަން މުއްދަތަކީ 3 މަސް ދުވަސް ކަމަށް ހަމަޖައްސައިފިނަމަ ވަޒީފާދޭ ފަރާތުން އެމީހާ އަނބުރާ ފޮނުވާލާން އުނދަގޫވާނެ އިތުރު މުއްދަތު ގާނޫނުން ލިބެންޖެހޭ" ކަމަށެވެ.

ރީކޯ މޫސަ މިހެން ވިދާޅުވެފައިވަނީ ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކާ ގުޅިގެން ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވަމުން އަންނަ ދަނޑިވަޅެއްގައެވެ. ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ސަރުކާރުގެ ސުޕަ މެޖޯރިޓީއެއް މަޖިލިހުގައި އޮވެ، ސަރުކާރުން ހުށަހެޅި ބިލް، އެއްވެސް ބަދަލަކާ ނުލައި މަޖިލިހުން ފާސްކޮށްފާނެތީއެވެ.

އެ މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ބިލް މަޖިލިހަށް ހުށަހަޅާފައި އޮތީ ސަރުކާރުން ބޭނުންވި ގޮތަށް ކަމަށެވެ. އަދި މަޖިލިހުން ކޮންމެ ބިލެއް ވެސް ފާސް ކުރާނީ އާންމުން ބޭނުންވާ ގޮތް ބެލުމަށް ފަހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނު ވެސް ފާސް ކުރާނީ އާންމުން ބޭނުންވާ ގޮތަށް އިސްލާހުކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.