ކާރެއްގެ ތެރޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި ތުޙުމަތު ކުރެވުނު ފުލުސް މީހާ ވަޒީފާ އިން ވަކިކުރީ، އެ މައްސަލައާއި ގުޅިގެން، ތަޙުޤީޤަށް ދޮގު މަޢުލޫމާތު ދީފައިވާތީ ކަމަށް، އެކަމާއި ގުޅިގެން ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ކަނޑައަޅައިފިއެވެ.

2010 އޮގަސްޓު 6 ގެ ފަތިހު 4:30 އެހާއިރު މާވެޔޮ މިސްކިތް ކައިރީގައި ހުރި އަންހެނަކު ގަދަކަމުން ކާރަކަށް އަރުވައި، ކިޑްނެޕްކޮށްގެން ގެންގޮސް އޭނާ އާމެދު ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގި މައްސަލައިގައި، އޭރު ޕޮލިސް ކޯޕްރަލްއެއްގެ މަގާމުގައި ހުރި ޢަލީ ނަޝީދު، އެ މައްސަލައިގެ ތަޙުޤީޤަށް ދޮގު މަޢުލޫމާތު ދީފައިވާތީ، އެއީ ފުލުހުންގެ ކޯޑްއޮފް ކޮންޑަކްޓާއި ޚިލާފުކަމެއްކަމަށް އެޙުކުމުގައި ވަނީ ބުނެފައެވެ.

އަލީ ނަޝީދު ވަޒީފާ އިން ވަކިކުރީ އަންހެން މީހާ ރޭޕް ކުރުމުގައި ބައިވެރިވެފައިވާކަމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ކުރި ތަހުގީގަށް ގަބޫލުކުރެވިގެން، ޢަލީ ނަޝީދު ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި، ކޯޑް އޮފް އެތިކްސްއާ ޚިލާފުވެފައިވާކަމަށް ގަބޫލުކުރެވޭތީވެއެވެ. ޢަލީ ނަޝީދު ވަޒީފާ އިން ވަކިކުރީ 14 ސެޕްޓެންބަރު 2010 ގައެވެ.

އަލީ ނަޝީދުގެ މައްސަލަ ބެލުމަށް ފަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން މި މައްސަލަ ނިންމެވި ރިޕޯޓުގައި ބުނެފައިވަނީ، ޢަލީ ނަޝީދު ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި، ކޯޑް އޮފް އެތިކްސްއާ ޚިލާފުވެފައިވާކަމަށް ނިންމެވި ސަބަބަކީ، ޢަލީ ނަޝީދު އެ ބޯޑަށް ޖަވާބުދާރީވުމުގައި ދައްކާފައިވާ ވާހަކަތައް ފުށުއަރާތީ އާއި، ކަމުގެ އަސްލު އޮޅުވާލައި މުޅި މައްސަލައިގެ ހަގީގަތް ފެބްރިކޭޓްކުރަން މަސައްކަތްކޮށްފައިވާކަމަށް ގަބޫލުކުރެވޭތީ އާއި މި މައްސަލައިގައި ހިމެނޭ ކުށުގެ ބާވަތަށާއި، ކުށްކޮށްފައިވާ ގޮތާއި، ކުށުގެ އަމަލު ހިންގުމަށް ބޭނުންކޮށްފައިވާ ތަކެއްޗަށް ބަލާއިރު މިފަދަ ކުށެއްގައި ބައިވެރިވިކަމަށް ބެލެވޭ މީހަކު މޯލްޑިވްސް ޕޮލިސް ސަރވިސް ފަދަ ސަލާމަތީ ޚިދުމަތްދޭ ތަނެއްގެ ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށް، ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންކުރާ އިތުބާރާއި ޔަގީންކަން ކުޑަވެދާނެ ނުވަތަ ބުރޫއަރާފާނެކަމެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ނަމަވެސް ސިވިލް ކޯޓަށް އަލީ ނަޝީދު ވަޒީފާ އިން ވަކިކުރި މައްސަލަ ހުށަހެޅުމުން އެކޯޓުން ޙުކުމް ކުރީ އޭނާ ވަޒީފާ އިން ވަކިކުރީ ޤާނޫނާއި ހިލާފަށް ކަމަށާއި އަނބުރާ އޭނާ އަށް ވަޒީފާ ދޭން ޖެހޭނެ ކަމަށެވެ.

ސިވިލް ކޯޓުގެ ޙުކުމުގައި ވަނީ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަޒީފާއިން ވަކިކުރަނީނަމަ ކުރެވިފައިވާ ކުށުގެ ތުހުމަތަކީ ހަމައެކަނި ހީކުރެވޭ ހީކުރެވުމަކަށްނުވެ، އެ ތުހުމަތުގެ މައްޗަށް ބިނާކޮށް ޢަލީ ނަޝީދުއާމެދު ފިޔަވަޅުއަޅާނެ ސަބަބުތަކެއް ނުވަތަ އެ ކުށާ ޢަލީ ނަޝީދުއާ ގުޅުވައިދޭނެ ހެކި ތަކެއް ހުންނަންޖެހޭނެކަމަށެވެ. ޢަލީ ނަޝީދުގެ މައްޗަށް ކުރެވިފައިވާ ކުށުގެ ތުހުމަތާއި ޢަލީ ނަޝީދުއާ ގުޅުވައިދޭ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށް ސިވިލް ކޯޓުގެ ޙުކުމުގައި ވެއެވެ. ސިވިލް ކޯޓުގެ ޙުކުމަށް ހައި ކޯޓުން ވެސް އޮތީ ތާއިދު ކޮށްފައެވެ.

ސުޕްރީމް ކޯޓުން އިއްވި ޙުކުމުގައި ވަނީ ސިވިލް ކޯޓާއި ހައިކޯޓުން މި މައްސަލައިގައި ކުރައްވާފައިވާ ހުކުމް ބާތިލުކޮށް، ޕޮލިސް ކޯޕްރަލް ޢަލީ ނަޝީދު ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓް އާއި، ކޯޑް އޮފް އެތިކްސްއާ ޚިލާފުވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑަށް ގަބޫލުކުރެވޭތީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (1) އާއި ހަވާލާދީ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ނ) ގެ ދަށުން ފުލުހުންގެ ވަޒީފާއިން ޢަލީ ނަޝީދު ވަކިކުރުމަށް އެ ބޯޑުން ނިންމެވި ނިންމެވުން ނިންމަވާފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާފައިވާ ކަމަށެވެ.

މިމައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ގޮބޮޅި

  ގައުމީ ފުލުހުންގެ، ހިދުމަތުގެ އެއްބައި އެއީ

  10
  3
 2. ބޮއިކަޓްޢަލީ

  ވީމާ ކްރިމިނަލް ކޯޓުގެ ޤާޒީއާއި ހައިކޯޓުގެ ޤާޒީ ގެ ހުއްދަ ބާތިލުކޮށް އަލުން ކިޔަވަން ފޮނުވަން ޖެހޭ... ކިތައް މައްސަލަ ތިގޮތައް ނިންމާފަހުރީ

  13
  4
 3. ޢާސީ

  ރަނގަޅު ތިއީ ވަރައް ގިނަގައުމު ތަކުގައި ފުޅުން ހިންގާ ލާއިންސާނީ އަމަލެއް

  12
  6
 4. ބަބޫ

  ދެން އެމީހާ ވަޒީފާއިން ކަނޑާލީމަ ނިމުނީތަ. ކޮބާ އޭނަ ކުރި ޖިނާއީ ކުށް އޭގެ އަދަބު ނުލިބޭތަ؟

  3
  1