ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ، މުހައްމަދު މުއިއްޒު ދެކެ ކޯފާ އިސްވެގެން މި ސަރުކާރަށް ހާސިލްވާނެ އެއްވެސް ކަމެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ކެމްޕެއިން ލޯންޗްކުރުމަށް، "ރަށްވެހި ފަތިސް"ގެ ނަމުގައި ރޭ ކާނިވާ ސަރައްހަދުގައި ބޭއްވި ޖަލްސާގައި އެމްޑީޕީ ބައެއް މެމްބަރުން ވަނީމުއިއްޒުއާއި ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދައްކާފައެވެ.

އެ ވާހަކަތަކާއި ގުޅިގެން ޝިޔާމް ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައިވަނީ މި ސަރުކާރުން ކުރަންޖެހޭ ކަމަކީ ބަހާ އަމަލާ ދިމާ ކުރުން ކަމަށާއި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ކަމަށެވެ.

"ކުރައްވީ ކަމަކީ ބަހާއި އަމަލާ ދިމާ ކުރައްވަންވީ. ރައްޔިތުންނަށްވީ ގިނަ ވައުދު ތަކުން ކުޑަ މިންވަރެއްވެސް ފުއްދަވަންވީ. ހިދުމަތް ކުރެއްވުމުގައި އިހްލާސްތެރިކަން އިސްކުރަންވީ". ޝިޔާމް ވިދާޅުވިއެވެ.

ރޭގެ ޖަލްސާއަށް ރައީސް ވަޑައިގެންނެވިއިރު، ހުސްގޮނޑިތައް ގިނަ ވުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޝިޔާމް ވިދާޅުވީ، މަންޒަރު ބަދަލުކުރީވެސް އަދި ކުރާނީވެސް ދިވެހި ރައްޔިތުން ކަމަށެވެ.

ރޭ ކުރިއަށް ދިޔަ ޖަލްސާގައި މުއިއްޒުއަށް ފާޑު ވިދާޅުވެ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މާލެ ހަލާކުކޮށްލުމުގައި އެންމެ އިސްކޮށް ހުރީ "ހޮޅި" މުއިއްޒު ކަމަށާއި އެކަން މާލޭގެ ރައްޔިތުން ހިތުން ފިލައިގެން ނުދާނެ ކަމަށެވެ.

އަދި މާލޭގެ ރައްޔިތުން ކައިރިއަށް ނުކުމެ ވޯޓުދޭން ބުނަން މުއިއްޒް އަށް ކެރިވަޑައިގަތީ ލަދު ހަޔާތެއް ނެތުމުން ކަމަށް ވިދާޅުވެ، މުއިއްޒްގެ ހައިސިން މިނިސްޓަރުކަމުގައި އަމަލު ކުރެއްވި ގޮތަށް ރައީސް ނަޝީދު ވަނީ ހަޖޫޖައްސަވާފައެވެ.

"މި މާލެ ހަލާކުކޮށްލުމުގައި އެންމެ އިސްކޮށް ހުރީ އެ ހޮޅި މުއިއްޒު. އެންމެ އިސްކޮށް ހުރީ އެ ހޮޅި މުއިއްޒު. އޭނާ ވަޒީރުކަމުގައޭ ކިޔައިގެން ކުރި ކަންކަން އަޅުގަނޑުމެންގެ ހިތުން ފިލައިގެން ދާނެތަ؟ ކުޑަވެސް ލަދެއް ހަޔާތެއް ހުރި ނަމަ މާލޭ ރައްޔިތުންގެ ކުރިމައްޗަކަށް ނުނިކުންނާނެ. ކުޑަވެސް ގޮތެއް ހުރި ނަމަ." ނަޝީދު ވިދާޅުވިއެވެ.