ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޖަވާބު ދިނުން ފަސްކޮށްފިއެވެ.

ކުރިން މަޖިލީހުން ކަނޑައަޅާފައި ވަނީ ރިޔާސީ ބަޔާނަށް ޖަވާބު ދިނުން އޮންނާނީ މިއަދު ހިނގަމުންދާ މަޖިލީހުގައި ކަމަށެވެ. އެހެންނަމަވެސް މިއަދު މި ހިނގާ ޖަލްސާއަކަށް ރިޔާސީ ބަޔާނަށް ޖަވާބު ދިނުން އެޖެންޑާ ކޮށްފައެއް ނެތެވެ. އިދިކޮޅުން ބުނެފައިވަނީ އަންނަ ބުދަ ދުވަހު ރިޔާސީ ބަޔާނަށް ޖަވާބު ދިނުން އޮންނާނެ ކަމަށް ބުނެ އިދިކޮޅު ޕާޓީއަށް އަންގާފައިވާ ކަމަށެވެ.

މަޖިލިހުގެ ގަވައިދު ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް އިއްވަވާ ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ މައިނޯރިޓީ ޕާޓީންނެވެ. ރިޔާސީ ބަޔާނާ މެދު އިދިކޮޅުން ހިތްހަމަނުޖެހޭ ކަން އެ ބަޔާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވެވި ދުވަހު އިއުލާން ކުރައްވައިފައެވެ.

ރިޔާސީ ބަޔާނަކީ ގާނޫނު އަސާސީގެ 84ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިއްވާ ބަޔާނެކެވެ. އެ ބަޔާނުގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭގޮތަށް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންޖެހެއެވެ.