ފ. ބިލެތްދު އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ހައްޔަރު ކުރީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމީހާ ހައްޔަރު ކުރީ މާލެއިން ފުރައިގެން ބިލެތްދުއަށް ދަތުރު ކުރި ފެރީއަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

އެ އޮޕަރޭޝަނުގައި ބިލެތްދޫ ބަނދަރު ސަރަހައްދުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 48 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޫސާޢަލީ

    ކޮއްކޯ ތި ކުދިން މި ބައިވަރު ރާއްޖެ އެތެރެކުރަނީ ކިހިނެއް. އަހަރެމެން ޕޯސްޓުން އެއްޗެއް އެތެރެކުރިއްޔާ ކަސްޓަމް އޮފިސަރުން އެ ސްކޭންކޮށް ކަނޑައި އޭގައި ދޫލައި އެޔަށް ފޮޑިވެސް އެބަޖަހައި. އެކަމަކު ކަލޭމެން ހާދަ ކޫލްކޮށް ތި ދަނީ. ކަސްޓަމު އޮފިސަރުންނާ ގުޅައިގެންތަ ތި އެތެރެކުރަނީ.