ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމަށް، މި ކްއާޓަރ ގައި ކޮށްފައިވާ އަމާޒަށް މިހާރު ވާސިލްވެއްޖެ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީގެ ޑެޕިއުޓީ ސްޓޭޓް މިނިސްޓަރ އަބްދުﷲ މަތީން މުހައްމަދު "ވަގުތު" އަށް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމަށް، މި ކްއާޓަރގައި ކޮށްފައިވާ އަމާޒަށް މިހާރު ވަނީ ވާސިލްވެފައިވަ ކަމަށެވެ.

އެގޮތުން މި ދައުރު ފެށުނުއިރު ނަރުދަމާ ޔަގީންވެފައި ވަނީ އާބާދީގެ 37 އިންސަންތައަށް ކަމަށާއި ނަމަވެސް މިދައުރުގެ މިހާތަނަށް އާބާދީގެ 75 އިންސަންތައަށް ނަރުދަމާގެ އަމަލީ މަސައްކަތް ފެށިއްޖެ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

" 2013 ވަނަ އަހަރު ނަރުދަމާގެ މަސައްކަތް ޔަގީންވެފައި ވަނީ 37 ފަސެންޓް، އެކަމަކު މިއަހަރުގެ މިހާތަނަށް އާބާދީގެ 75 ޕަސެންޓްއަށް އަމަލީ މަސައްކަތް ފަށައިފި." ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ އަމާޒަކަށްވެފައި ވަނީ ރާއްޖޭގެ އެއްވެސް ރަށެއް ފެނަށް ނުޖެހޭ މިންވަރަށް އެކަންތައް ހައްލުކޮށްދިނުމަށް ކަމަށާއި 2013 ގައި ފެނުގެ ނިޒާމު ގާއިމްކުރެވިފައި ވަނީ ރާއްޖޭގެ 25 އިންސަންތަ އަށް ކަމަށެވެ. ނަމަވެސް މިދައުރުގެ މިހާތަނަށް ރާއްޖޭގެ އާބާދީގެ 65 އިންސައްތައަށް ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްތަކުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ފެނާއި ނަރުދަމާގެ މަސައްކަތް އެއްކޮށް ނިންމާ ހިދުމަތް ލިބެން ފެށޭނީ އެކި ރަށްރަށުގައި އެކި ދުވަސްކޮޅަށް ކަމަށާއި މިހާރު ބައެއް ރަށްރަށުގައި ބޮޑުބައި ނިމިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ކުއާޓާގައި އަދި ދެވަނަ ކުއާޓާގެ އިތުރުން އަހަރުގެ ފަހުކޮޅުގައި ބައެއް ރަށްރަށުގައި ހިދުމަތް ލިބޭނެ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.