ރާއްޖޭގައި ކާމިޔާބުކަމާ އެކު މުއާސަލާތީ ޚިދުމަތް ދެމުން އަންނަ އެންމެ ވަރުގަދަ އެއް ކުންފުނި އުރީދޫގައި އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ކަނޑައަޅާ މެމްބަރަކަށް ފަރީހާ ޝަރީފް އިންތިޚާބުކޮށްފިއެވެ.

ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި އުރީދޫގެ އަހަރީ އާންމު ޖަލްސާގައި، އެލްކްޓްރޯނިކް ވޯޓު މެދުވެރިކޯށް ނެގި ވޯޓުގެ ނަތީޖާ ދައްކާ ގޮތުން، ފަރީހާ ޝަރީފް އެ މަގާމަށް އިންތިހާބުވެވަޑައިގަތީ 526 ވޯޓާއި އެކުގައެވެ.

އޭނާއާ އެންމެ ކައިރިން އެ މަގާމަށް ވާދަކުރެއްވި އިބްރާހިމް ފިރުޝާން އަށް ލިބިވަޑައިގަތީ 484 ވޯޓެވެ. އަދި އެ މަގާމަށް ވާދަކުރެއްވި، އައިޝަތު ހުސެއިން މަނިކަށް ހަތް ވޯޓު ލިބިވަޑައިގަތް އިރު، އިބްރާހިމް ޝަރީފް މުހައްމަދަށް ލިބިވަޑައިގަތީ 273 ވޯޓެވެ.

އުރީދޫގެ އާއްމު ހިއްސާދާރުން ތަމްސީލްކުަރައްވާ ފަރީހާ ޝަރީފް: ފޮޓޯ ވަގުތު އިމޭޖަސް

ޖަލްސާގައި 195 ޝެއާ ހޯލްޑަރުންނާއި 1119 ޕްރޮކްސީ ޝެއާހޯލްޑަރުން ހިމެނުނު އިރު އެ ޖަލްސާގައި 92.7 އިންސައްތަ ހިއްސާ ވަނީ ތަމްސީލްކޮށްފައެވެ.

އުުރީދޫ އިން ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ދޭން ފެށީ 2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހު ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައެވެ. 2013 ވަނަ އަހަރު ކުންފުނީގެ ނަން ރީބްރޭންޑްކޮށް ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަން ވަނީ އުރީދޫ މޯލްޑިވްސްގެ ނަމަށް ބަދަލުކޮށްފައެވެ.

އެއަށް ފަހު، 2016 ވަނަ އަހަރުގެ އޮކްޓޫބަރު ހަ ވަނަ ދުވަހު އުރީދޫ މޯލްޑިވްސްގެ ގާނޫނީ ހައިސިއްޔަތު ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމަށްފަހު، ކުންފުނީގެ ނަން ވަނީ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައެވެ.

އެ ކުންފުނިން ދޫކޮށްފައިވާ ޖުމްލަ ހިއްސާގެ 5.90 ޕަސަންޓު ވަތަނިއްޔާ އިންޓަނޭޝަލް އެފްޒެޑް އެލްއެލްސީއިން ހިއްސާކުރާއިރު، 5.9 ޕަސަންޓު ހިއްސާ ކުރަނީ އާންމު ފަރާތްތަކުންނެވެ.