ޖަލުން ކުރާ ސްކޭމް ކޯލްތަކުގެ މައްސަލައިގައި އުރީދޫ އާއި ދިރާގު ޒިންމާ އަދާ ނުކުރާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން އެގޮތަށް ވިދާޅުވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ލިއުމުން ހުށަހެޅުއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ބޮންޑެ އެއްސެވީ މި އަހަރު ޖަލުގައި އެންޓަނާއެއް ހަރުކުރިތޯ އާއި އަދި ޖަލުގައި ހިންގާ ސްކޭމް ކޯލް ސެންޓަރުތައް ހުއްޓުވުމަށް މި އަހަރު ކުރި މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ. އަދި ގައިދީން ބޭނުންކުރާ ނަންބަރުތަކުގެ މައުލޫމާތު ނެގޭ ގޮތަށް ހުރި ނަމަވެސް އެ މައުލޫމާތު ތަހުގީގީ އިދާރާތަކާ ހިއްސާ ނުކުރަނީ ކީއްވެގެންތޯ އެއްސެވިއެވެ.

އެ ސުވާލަށް މިނިސްޓަރު އިމްރާން ދެއްވި ޖަވާބު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަމީން އާންމު ވަނީ އިއްވަވައިފައެވެ.

އިމްރާން ވިދާޅުވީ ސްކޭމް ކޯލުތައް ހުއްޓުވަން މި އަހަރު އެންޓަނާ ހަރުކުރި ކަމަށާއި އަދި އޭގެން ޖަލު ސަރަހައްދުގައި ބޭނުންކުރާ ފޯންތަކުގެ މައުލޫމާތު އެއްކުރެވޭ ކަމަށެވެ.

ނަމަވެސް އެ މައުލޫމާތު ޖަމާ ކުރެވެނީ ނެޓްވޯކް އޮޕަރޭޓަރުންގެ ސާވާ ތަކަށް ކަމަށާއި އެހެންވެ އެ މައުލޫމާތުތައް ހޯދެނީ އެ ފަރާތްތައް މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ފުރިހަމަ މައުލޫމާތު ފުލުހުންގެ ހިދުމަތަށް ފޯރުކޮށްނުދޭ ކަމަށާއި އަދި ފޯރުކޮށްދޭ މައުލޫމާތުވެސް ހުންނަނީ އެކި ފޯމެޓްތަކަކަށް ވާތީ އޭގެ ސަބަބުން ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ މައުލޫމާތުތައް ފުލުހުންނާ ހިއްސާކުރަން ލާޒިމްވާ ފަދަ ގާނޫނީ އޮނިގަނޑެއް އޮތުން މުހިންމު ކަމަށް އިމްރާން ވިދާޅުވިއެވެ.

"މީގެ އިތުުރުންވެސް ހިދުމަތް މެދުކަނޑާލުމަށް އެދޭ ބައެއް ނަންބަރުތައް މެދުކަނޑާލުން ލަސްވުމާއި އެއްބައެއްގެ ނަމުގައި ގިނަ އަދަދެއްގެ ސިމް ދޫކޮށްފައިވުމާއި އައިޑީ ކާޑެއްގެ ކޮޕީ ހުށަހެޅުމުން އެ ކޮޕީއަށް ގިނަ އަދަދަކަށް މޮބައިލް ނަންބަރު ދޫކުރުމާއި ބިދޭސީއެއްގެ ޕާސްޕޯޓް ނަންބަރު ބޭނުންކޮށްގެން އެކި ނަންނަމުގައި ސިމް ކާޑު ރަޖިސްޓްރީކޮށްދީފައި ހުރުމާއި އަދި އެއްވެސް ވަރަކަށް ރަޖިސްޓްރީނުކޮށް ހުންނަ ނަންބަރުތައް ބޭނުންކުރަމުން ދިއުމަކީ ކަންބޮޑުވުން ހުރި މައްސަލަތަކެއް ކަން ފާހަގަ ކުރަމެވެ" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ފޯން މެދުވެރިކޮށް ކުރާ ކޯލްތައް ހުއްޓުވަން ކަރެކްޝަންސްއާއި ފުލުހުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން މި އަހަރުގެ މިހާތަނަށް ޖަލުގައި ބޭނުންކުރި 431 ނަންބަރު ބްލޮކްކޮށް 365 އައިއީއެމް ބްލެކްލިސްޓުކޮށް 10 އައިއީޕީ އަދި 12 ވެބްސައިޓެއް ބްލޮކް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ޖަލު ތެރޭގައި އެފަދަ ކަންކަން ކުރާ ގައިދީން ފާހަގަކޮށް އެކަހެރިކޮށް އެފަދަ ގައިދީން ތިބޭ ގޮޅިތައް ރެއިޑްކޮށް މުވާސަލަތީ އާލާތްތައް އަތުލައިގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަމަސްތޭ

    ކިހިނެއްހޭ ފޯނުވެއްދެނީ އެތަނަށް . . . އެކަން ހުއްޓުވީމަ ކީކުރާ ދިރާގަކާ ، އުރީދޫ އެއްތަ. . . ކޮން އެންޓަނާއެއް . . ޓެކްލް ދަ ރިއަލް ޕުރޮބްލަމް ބުރޯ

    13
  2. މަރީން

    ހާދަ ޒިއްމާކުޑަ ވާހަކައޭ ތިދައްކަވަނީ ތިފަދަ މަގާމެއްގައި ހުރެ.ލަދުކޮބާ ތިމަގާމްގައި ހުއްނަ މީހަކަ ތިކަން ހުއްޓުވަން 3 ދުވަސްވެސް ބޭނުން ނުވާނެ. ކަންކަން ކުރެވޭނީ ކޮއްފަ ނިއްމާލުމުން.

    13
  3. އުގުރި

    މިނޫނީ ނޫޅޭނެ ދިވެހިރާއްޖޭގެ ތާރީޚްގައި ވެސް ޖަލުގައި އޮވެ މިނިވަންވެ މިވަރުގެ މަގާމެއް ލިބި ޖަލު އިސްލާހު ނުކުރެވުނު އިންސާނެއް....
    ބޯހަލާކު..

  4. އިސޫ

    ޖަލަކީ ޕްރޮގާމް ހިންގަން ހުންނަ ތަނެއްތަ...

  5. ނަސީ

    ޒިންމާ އަދާކުރަން ޖެހޭނީ ދައުލަތުން އޮޅިގެން ނޫޅުއްވާ

  6. ޖަޖސޖޖސ

    އަދި އިސްތިހާރާ ކުރޭ ސޮހޯމަންޑެލި