މުޖުތަމައުގައި ކުށެއް ކޮށްފައިވާ މީހަކު އެކުށަށް އިއުތިރާފުވެ ހުކުމް ތަމްފީޒު ކޮށްފައިވާ ހާލެއްގައި ކުށުގެ ރިކޯޑް ވަގުތުން ސާފު ކުރެވޭނެ އިންތިޒާމު ހަމަ ޖައްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިފަދައިން ވިދާޅުވެފައިވަނީ އިންފޮމޭޝަން ކޮމިޝަންގެ މުވައްޒަފުން ދުޅާހެޔޮ ބަޔަކަށް މިއަދު ފެށި "ފިޓްއައިކޮމް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، މިހާރަކަށް އައިސް މައުލޫމާތު ލިބުމުގައި ވަރަށް ދަތިވާ ކަހަލަ ކަންތައްތައް ހުރި ކަމަށެވެ. އަދި މިޙާރަށްވުރެ މައުލޫމާތު ހޯދުމުގެ ބައި ފުޅާކުރަން ޖެހޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"މިސާލަކަށް ކުށުގެ ރިކޯޑް ސާފު ކުރުން. ދެން ހަމަ އެއްދުވަސް ނަގަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އަޅުގަނޑުމެން މި ބަލަނީ އެވެސް ވަގުތުން ކުށުގެ ރިކޯޑް ސާފުވާނެ ގޮތަކަށް އިންތިޒާމުތައް އެންމެ ގިނައިން މީހުން ހިދުމަތަކަށް އެދޭ އެއްކަންތައް އެއީ. އެހެންމަ އެކަންވެސް އެގޮތަށް ގެންދަނީ" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ، މީގެ ކުރިން މައްސަލައެއްގައި މީހެއްގެ މައްޗަށް ދައުވާ ކުރާނަމަ އެކަމުގައި ހިމެނޭ މީހަކަށް ސިޓީއަކުން ދެންނެވޭ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެސްއެމްއެސްއަކުން އެމައްސައިގެ ހުރިހާ މައުލޫމާތެއް ދައުވާ ލިބޭ މީހައަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެން ފަށައިގެން މިއުޅޭނީ މައްސަލަތަކުގައި އަނިޔާ ލިބޭމީހުންނަށްވެސް އެ މައްސަލަތަކުގައި ވާނުވާ އެންގުމުގެ ބައެއް. އަޅުގަނޑުމެންނަށް ފާހަގަ ކުރެވެނީ މީހުންނަށް ކަންކަމުގައި ވާޏުވާ އެނގުނީމައޭ އެމީޙުންގެ ހިތުގައި ސިސްޓަމް ހިނގާކަން ޔަގީންވަނީ" ޝަމީމް ވިދާޅުވިއެވެ.

މިއަދު ފެށި ފިޓްކޮމް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަމީމް ވަނީ ކަސްރަތު އަލަށް ކުރައްވާ ބޭފުޅުން، ވަކީ ޓަގެޓެއް ކަނޑައަޅައިގެން ޔޯގާ ކުރުމަކީ ދުޅަހެޔޮ ސިއްހަތަކަށް މީހާ ގެނެސްދޭނެ ކަމެއް ކަމުގައެވެ.