ތަޙުޤީގަށް ހައްޔަރުކޮށްފައި ތިބި ދަޢުލަތުގެ ކުރީގެ ބައެއް އިސްބޭފުޅުންނާ ބެހޭގޮތުން މީޑިޔާތަކުގައި ފަތުރަމުންދާ ވާހަކަތަކަކީ ޙަޤީގަތާ ޚިލާފު، އަދި އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އިއްޔެ ޖަލަށް ވަޑައިގެން، މިހާރު ޖަލުގައި ތިއްބެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އުއްތަމަ ފަނޑިޔާރި އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދާއި ވަކިވަކިން ބައްދަލު ކުރައްވާއި އެބޭފުޅުންގެ ޙާލު ބައްލަވާލައްވާފައި ވަނިކޮށެވެ.

މިނިސްޓަރ ވިދާޅުވީ، އެ 3 ބޭފުޅުންގެ އަސާސީ ޙައްޤުތައް ރައްކާތެރިކުރެވިފައިވާކަމަށާއި، ހައްޔަރުގައި ތިބި ނަމަވެސް އެބޭފުޅުންގެ ޞިއްޙީ ހާލަތު ރަނގަޅުކަމަށާއި، 3 ބޭފުޅުންނާމެދުވެސް ސަލާމަތީ ބާރުތަކުން ޢަމަލު ކުރައްވަމުން ގެންދަވަނީ ކަމާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކުން އެބޭފުޅުންނަށް ލިބިދޭ ހުރިހާ ހައްޤުތަކެއް އެންމެ ފުރިހަމައަށް ދީގެންކަން ކަށަވަރުކުރެވިފައިވާ ކަމުގައެވެ.

އެމަނިކުފާނު ޖަލުޔގައި ތިއްބެވި ބޭފުޅުންނާއި ބައްދަލު ކުރައްވާފައި ވަނީ، ފަނޑިޔާރުން ތިއްބެވީ އިންސާނުން ހައްޔަރުކޮށްފައި ބައިތިއްބަން އެކަށީގެންވާ ތަނެއްގައި ނޫންކަމަށް އެބޭފުޅުންގެ ޤާނޫނީ ވަކީލުން ވިދާޅުވާ ވާހަކަފުޅުތަކަށް ބިނާކޮށް ބައެއް ނޫސްތަކުން ޚަބަރު ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.