ކޮވިޑް-19 ފެތުރެމުން އަންނާތީ ޖުމްހޫރީ ޕާޓީން ކައުންސިލް އިންތިހާބާއި ދިމާކޮށް ބާއްވަން އުޅުނު ބޮޑު ޖަލްސާ ފަސްކޮށްފިއެވެ.
މިއަދު މ.ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޕާޓީގެ ކައުންސިލް މެންބަހު އަހުމަދު ނިހާން ވިދާޅުވީ މި ދަނޑިވަޅުގައި ސިޔާސީ ކަންކަމަށްވުރެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި މެދު ވިސްނުން އެޕާޓީ އިން އިސްކުރާ ކަމަށާއި، އެގޮތުން ޖަލްސާގެ ތައްޔާރީތައް ވަމުން އައިސް މިހާ ވަގުތު ކުޑަތަން ވެފައި އޮއްވައި ޖަލްސާ ކެންސަލް ކުރުމަކީ އެކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
"މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެން ޕާޓީ އަށް ކޮށްދޭން ޖެހޭ ކަންކަމަށް ވުރެ މުޅި ގައުމާއި މެދު ވިސްނަން ޖެހޭ ކަންކަން މާ ގިނަ. އަޅުގަނޑުމެންގެ 13 ވަނަ ދުވަހުގެ ޖަލްސާ އެހެން ތާރީހަކަށް ވާނީ ފަސްކޮށްފައި" ނިހާން ވިދާޅުވިއެވެ.
ޖޭޕީ އިން ވަނީ މި ޖަލްސާ ކެންސަލް ކުރުމާއި ގުޅިގެން ހާއްސަ ނޫސްބަޔާނެއްވެސް ނެރެފައެވެ. އެގޮތުން އެ ނޫސްބަޔާނުގައި ބުނެފައި ވަނީ، މިހާތަނަށް ރާއްޖެއަށް ދަތުރުކޮށްފައި ވާ ބައެއް ފަތުރުވެރިންގެ ކިބައިން މި ބަލި ފެނުފައި ވުމަކީ މި ބަލި ދިވެހިންނަށް ޖެހިދާނެ ކަމުގެ ބިރު އިތުރުވާ ކަމެއް ކަމަށެވެ. އެހެންކަމުން އެފަދަ ޖަލްސާއެއްގެ ސަބަބުން ލިބިދާނެ ފައިދާ އަކަށްވުރެ މިފަދަ ކަމެއްގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް އެޕާޓީ އިން ވިސްނާ ކަމަށާއި، އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިސްނެންގެވުމުގެ މަތިން ޖަލްސާ ފަސްކުރުމަށް ވާނީ ނިންމާފައި ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.
"ގައުމުގެ ހާލަތު މިއަށްވުރެ ރަނގަޅުވުމުން ދެންނެވުނު ޖަލްސާ އެހެން ތާރީހެއްގައި ބާއްވާނެ ކަމަށް އިއުލާން ކުރަން" ޖުމްހޫރީ ޕާޓީ އިން ނެރުނު ނޫސްބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
އަދި ޖަލްސާ އާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތައްވެސް ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.
ނިހާން ވިދާޅުވީ ޖޭޕީ އިން ކަންކަން ކުރި ގޮތަށް އެހެން ޕާޓީތަކުންވެސް އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އެޕާޓީ އިން އަތޮޅު ތެރޭގައިވެސް އެއްވުމެއް، ނުބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަލްސާ ބޭއްވުމަށް ޖޭޕީން ނިންމާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭގައެވެ. އެ ޖަލްސާ އަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ޖޭޕީގެ ކެމްޕޭން ފެށުމަށް ބާއްވާ ޖަލްސާއެކެވެ.
ބުރުމާ މަރުވެދާނެތީ ބިރުން.
މީހުން ނުވީމަ ލޮލް