ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

"ވަގުތަށް" ދެއްވި ޙާއްޞަ އިންޓަވިއުއެއްގައި ހޯމް މިނިސްޓަރ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ބާއްވާ ކޮންމެ އިންތިޚާބަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އޮންނާނީ ތައްޔާރަށް ކަމަށާއި، އެފަދަ އިލެކްޝަން ޕޮރޮސެސްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ދޭންޖެހޭ 100 އިންސައްތަ އެއްބާރުލުން ފުލުހުންގެ ފަރާތުން ލިބޭކަން އިލެކްޝަނަށް ޔަޤީންކަން އަރުވާ ކަމަށެވެ.

"ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް އިލެކްޝަންސް ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރަމުން ގެންދާނަން." ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ބައްދަލު ކުރައްވާފައިވާއިރު، އެ ބައްދަލުވުމުގައި ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތަކާއި ބެހޭގޮތުން އިލެކްޝަންސް ކޮމިޝަނާއެކު މަޝްވަރާ ކުރެވިފައިވާނެކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ބޭއްވޭ އިންތިޚާބުތައް ވަރަށް ކާމިޔާބު ކަމާއެކު، އެއްވެސް ހަމަނުޖެހުމެއް ނުހިންގާ ކުރިއަށް ގޮސްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިހްލާސްތެރި މަސައްކަތުން ކަމަށާއި، ދިވެހިރާއްޖޭގައި ބޭއްވޭ ހުރިހާ އިންތިޚާބެއްގައިވެސް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ވަރަށް ތަފާތު، އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައި ކަންވެސް އަޒްލީން ފާހަގަކުރެއްވިއެވެ.