ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ހެދި ސްޕެނިޝް ފުޓްބޯޅަ ލީގުގެ ކުޅުން ސަސްޕެންޑްކޮށްފިއެވެ.

ލީގުގެ ކުޅުން ހުއްޓާލުމުގެ އިތުރުން ބައެއް ކްލަބުތަކުގެ ކުޅުންތެރިން އަންނަނީ ކަރަންޓީނު ވެސް ކުރަމުންނެވެ. އެގޮތުން ރެއާލް މެޑްރިޑްގެ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިއެއް ވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ކްލަބުގެ ފުޓްބޯޅަ ޓީމުވެސް މިހާރު ވަނީ ކަރަންޓީނުކޮށްފައެވެ.

ކޮރޯނާވައިރަހާ ގުޅިގެން ސްޕެނިޝް ލީގު މެޗުތައް ކުރިން ކުޅެން ނިންމާފައި އޮތީ ސަޕޯޓަރުން ނުވައްދައެވެ. ވައިރަހުގެ ސަބަބުން ލީގު އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތް ނަމަ މި ސީޒަނުގެ ލީގު ކެންސަލް ކުރުމުގެ ވިސްނުމެެއް ވެސް ސްޕެނިޝް އެފްއޭ އިން ގެންގުޅެމުން އަންނަ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ސްޕެއިން އިން ވައިރަހަށް ފޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2070 އަށް ވުރެ މައްޗަށް އަރާފައެވެ. އަދި ބަލީގައި މިހާތަނަށް މަރުވި މީހުންގެ އަދަދު އުޅެނީ 50 އަށް ވުރެ މަތީގައެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރަން ޔޫރަޕްގެ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުން އެދެވޭ ނަތީޖާއެއް ނުފެނި މިއަދު އަލަށް ބަލި ޖެހުނު މީހުންނާއި، ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް ވަނީ އިތުރުވެފައެވެ.

ޗައިނާގައި ފެތުރެން ފެށި ކޮވިޑް-19 މިހާރު ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރިފައިވާއިރު ޗައިނާ ފިޔަވައި މި ބަލީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ޔޫރަޕްގެ ގައުމުތަކަށެވެ. ޔޫރަޕުން ބަލި އެންމެ ބޮޑަށް ފެތުރެމުން އަންނަ އިޓަލީ ސަރުކާރުން ވަނީ އެގައުމު ލޮކްޑައުންކޮށް ފުޓްބޯޅަ ލީގާއި ބޮޑެތި ހުރިހާ ކުޅިވަރު ހަރަކާތެއްހެން ހުއްޓާލާފައެވެ. ހުރިހާ ޔުނިވާސިޓީތަކާއި ސްކޫލްތަކާއި ފިހާރަތަކާއި ސިނަމާތަކާއި ޖިމްތަކުގެ އިތުރުން ރިސޯޓުތައް ވެސް ވަނީ އޭޕްރިލް 3 ގެ ނިޔަލަށް ބަންދުކޮށްފައެވެ.

ކޮރޯނާވައިރަސް އެއްވެސް ކޮންޓްރޯލެއް ނެތި ފެތުރެމުން އަންނާތީ ކުޅިވަރުގެ ބޮޑެތި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ވަނީ ހުރަސްތަކަކާ ކުރިމަތިވެފައެވެ.

ޔޫރަޕްގެ އެންމެ ބޮޑު ކްލަބު ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ ލެގު މެޗުތައް މި ހަފުތާގައި ފަށާފައިވާއިރު ގިނަ މެޗުތައް ކުޅެން ނިންމައިފައިވަނީ ސަޕޯޓަރުން ނުވައްދައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވޯޓްވަގު

    އެންމެ ބާރުގަދައީ ﷲ އެވެ.
    ލާދީނީ މީހުންނަކަށް މިވަރުންވެސް އެއްޗެއް ވިސްނޭނެބާ؟ މަޖިލީސް ރައީސް އަށް އެއްޗެއް ވިސްނޭނެނަމަ ކިހާ ރަނގަޅު. ހައްދަވާ ގެންގުޅުއްވާ އިލާހް.. އަޅަމެންގެ ވެރިންނަށް ހެޔޮ ވިސްނުން ދެއްވައި އެއުރެން އިސްލާހް ކޮށްދެއްވައިފާންދޭވެ.

    8
    1