މޯލްޑިވް ގޭހުގެ ހިދުމަތްތައް އޮންލައިންކޮށް ބޭނުން ކުރެވޭ ގޮތަށް އެ ކުންފުނިން ބަދަލުކޮށްފިއެވެ.

ގޭގައި ހުރެގެން މޯލްޑިވް ގޭހުގެ ހިދުމަތަށް އެދެވޭ ގޮތަށް ބަދަލުކުރީ މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން އާންމުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައެވެ. މޯލްޑިވް ގޭހުގެ އިތުރުން ދައުލަތުގެ ހިއްސާ އޮންނަ އަދި އަމިއްލަ ކުންފުނިތަކުން ވެސް ވަނީ އެ ކުންފުނިތަކުގެ ހިދުމަތްތައް އޮންލައިން މެދުވެރިކޮށް ލިބޭ ގޮތަށް ބަދަލުކޮށްފައެވެ.

އެ ކުންފުނީގެ ވެބްސައިޓް https://maldivegas.com/order މެދުވެރިކޮށް ކަސްޓަމަރުންނަށް ގޭގައި ހުރެގެން ގޭހަށް އޯޑަރު ކުރުމާއި ފައިސާ ދެއްކުމުގެ ހިދުމަތް މިހާރު ލިބެމުންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ރާއްޖެއިން މިހާރު މި ބައްޔަށް 13 މީހަކު ވަނީ ފައްސި ވެފައެވެ. އޭގެތެރޭގައި ހިމެނެނީ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންތަކަކާއި ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައިވާ ފަތުރުވެރިންތަކެކެވެ. މި ބަލި ދިވެއްސެއްގެ ގައިން ނުފެނު ނަމަވެސް، ބައެއް މީހުން ބައްޔަށް ޓެސްޓްކޮށްފައިވެއެވެ.

މި ބަލިން ރައްކާތެރިވުމަށް ގިނަ ގިނައިން އަތްދޮވުމަށާއި ސެނިޓައިޒާ ބޭނުން ކުރުމާއި ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ރަނގަޅަށް ބަންދުކުރުމާއި ޓިޝޫ ނުވަތަ އަތުގެ އުޅަނބޮށި ބޭނުން ކުރުމަށް ސިއްހީ ހިދުމަތްތެރިން ވަނީ އިރުޝާދު ދީފައެވެ. އަދި މި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރުމުގެ ބަދަލުގައި ގާއިމު ކުރެވިފައިވާ ފުލޫ ކުލިނިކުތަކުން ފަރުވާ ހޯދައި އެފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިލޭ

    ސެނިޓައިޒަރ ފުޅިގަނޑެއްވެސް ގަންނަން ނުލިބޭ. ބޭނުންކުރާށޭ ގޮވިއްޔާ ބޭނުންކުރެވޭނީވެސް ލިބޭނަމަތާ.. ކާޑު ރައްކާ ނުކުރާށޭ ގޮވިޔަސް ރައްކާކުރަނީ ރައްޔިތުންނަށް އެބަ އެނގޭ ކާޑު ކޮންޓުރޯލު ކުރާނެކަން. އަގު ބޮޑުވާނެކަން. އެންމެފަހުން ނުލިބޭނީކަން.