ހިޔާ ފްލެޓްތަކަށް ގޭސް ފޯރުކޮށްދިނުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށް ފްލެޓްތަކަށް ގޭސް ފޯރުކޮށްދިނުމުގެ ސިސްޓަމެއް ޤާއިމުކުރުމަށް މިއަދު މޯލްޑިވް ގޭސް އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި މޯލްޑިވް ގޭސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ސިޔާމްއެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން ސޮއި ކުރެއްވީ މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.

މިއީ މިގޮތަށް ސޯޝަލް ހައުސިންގ މަޝްރޫއެއްގައި ރާއްޖޭގައި ކުރާ ފުރަތަމަމަސައްކަތެވެ.

އެޗްޑީސީން ވިދާޅުވީ، ގޭސް ފޯރުކޮށްދިނުމަށް ސިސްޓަމެއް އެޅުމަށް ނިންމާފައިވަނީ، ހިޔާ ފުލެޓްތަކަކީ ނިސްބަތުން އުސް އިމާރާތްތަކަކަށްވާތީ، ގޭސް ފުޅި އަރުވާ ބޭލުމުގައިއާއްމު ރައްޔިތުންނަށް ދިމާވާނެ ތަކުލީފުތައް ކުޑަކުރުމަށް ކަމަށެެވެ.

އަދި ލިފްޓުތަކުގައި ގޭސް ފުޅި އެހާ ގިނަ ފަރާތްތަކުން އުފުލުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށްވެސް އެޗްޑީސީން ވިދާޅުވެފައި ވެއެވެ.

މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ޓަވަރެއްގެ ތިރީގައި ސްޓޯރޭޖް ޔުނިޓްތަކެއް ގާއިމުކޮށްގެނެވެ.

މި މަސައްކަތް ކުރެވިގެން ދާނީ އެމްއެންޑީއެފްގެ ރެގުލޭޝަންސްތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ. އަދި މި މަސައްކަތްއަންނަ އަހަރުގެ ދެވަނަ ކުއާޓާގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މި ހިދުމަތް ދިނުމަށް މޯލްޑިވް ގޭސް އާއި ހަވާލުކޮށްފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށެވެ.