ނައިޖީރިއާގައި ދިން ނިރުބަވެރި ހަމަލާއެއްގައި އެޤައުމުގެ 70 އަށްވުރެ ގިނަ ސިފައިންގެ މީހުން މަރާލައިފިއެވެ.

ބައިނަލްއަޤްވާމީ ޚަބަރުތައް ގެނެސްދޭ އޭއެފްޕީ ނޫހުން ރިޕޯޓު ކުރި ގޮތުގައި ހޯމަ ދުވަހު ނައިޖީރިއާގެ ބޯނޯ ސްޓޭޓުގައި ދިން ނިރުބަވެރި ހަމަލާތަކެއްގެ ތެރެއިން އެޤައުމުގެ ސިފައިންގެ ފައުޖެއް ދަތުރުކުރަމުން ދިޔަ ލޮރީ އަކަށް އަމާޒުކޮށްގެން ނިރުބަވެރިން ވަނީ ރޮކެޓް ޕްރޮޕެލްޑް ގްރެނޭޑު، 'އާރްޕީޖީ' ހަމަލާތަކެއް ދީފައެވެ.

ގްރެނޭޑް ހަމަލާ ދިނުމަށްފަހު، ނިރުބަވެރިން ވަނީ ސިފައިން ދަތުރުކުރަމުން ދިޔަ ލޮރީ އަށް އަރައި، އޭގައި ތިބި ހުރިހާ އެންމެން މަރާލާފައެވެ. މަރާލެވިފައިވާ ސިފައިންގެ ވަފުދަކީ ބޯނޯ ސްޓޭޓުގެ މައި ޕްރޮވިންސް، މައިޑުގޫރީ އިން ދިޔަ ބަޔެކެވެ. އެއީ އެ ސްޓޭޓުގައި ނިރުބަވެރި ހަނގުރާމަވެރި ޖަމާޢަތް، އިސްލާމިކް ސްޓޭޓްސް އަށް ވާގިވެރިވާ ހަނގުރާމަވެރިން ޙަރަކާތްތެރިވަމުން ދިޔަ ކޭމްޕަކަށް ހަމަލާ ދިނުމަށް ދަތުރުކުރަމުން ދިޔަ ބައެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

"މިއީ ވަރަށް ބޮޑު ގެއްލުމެއް. ނިރުބަވެރިން ދިން ހަމަލާތަކުގައި މަރުވި 70 މީހުންގެ ހަށިތައް މިހާތަނަށް ވަނީ ހޯދިފައި، މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން، ހަމަލާގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ،" ސިފައިންގެ ތެރެއިން އޭފްޕީ އަށް މަޢުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.

ނައިޖީރިއާގައި ނިރުބަވެރި ހަމަލާދީ، ގިނަ އަދަދެއްގެ މީހުން މަރާލުމަކީ އާއްމުކޮށް އެޤައުމުގައި ފެންނަ މަންޒަރެކެވެ. ބަޑި ޖެހުމާއި، ބޮން ގޮއްވުން، އަދި ކުޑަ ކުދިން ރަހީނުކުރުމުގެ ނުރައްކާތެރި ހާދިސާ ތަކެއް، މީގެ ކުރިންވެސް ނައިޖީރިއާގައި ހިނގާފައިވާއިރު، އެ ކަންތައްތަކުގައި އެންމެ އިސްކޮށް އުޅެނީ ނައިޖީރިއާގެ ހިންގަމުންދާ ނިރުބަވެރި ބޯކޯ ހަރާމް ޖަމާޢަތެވެ.

ނިރުބަވެެރި ޖަމާޢަތް އިސްލާމިކް ސްޓޭޓުގެ ހުޅަނގު އެފްރިކާގެ ފެކްޝަނުން ވަނީ ބޯކޯ ހަރާމް ޖަމާޢަތާއި 2016 ވަނަ އަހަރު ވަކިވެފައެވެ. ސިފައިން މެރުމާއި، ހަނގުރާމަވެރި ޖަމާޢަތްތަކުގެ ޖަގަހަތައް ހިފުމަކީ މިހާރު އާ ޖަމާޢަތުގެ އާއްމު ކަމަކަށް ވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނިރުބަ ވެރިޔާ

    ކާފަރުން ބޮން އަޅައި ލައްކައިން މުސްލިމުން މެރި ޔަސް އެއީ ނިރުބަ ވެރިކަން ކަމުގައި ނުވޭ އިހައް ނިރުބަ ވެރިކަމަކީ ކޮބައިކަން ރަނގަޅަށް ދަސްކުރަންވީ ކަލޭމެން

    11
    1