ހުޅަނގު އެފްރިކާގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެ ނައިޖީރިއާއިން ނައިޖަރަށް އަރައިގަންނަން ތައްޔާރުވާން ފަށައިފިއެވެ.

ނައިޖަރުގެ މައްސަަލަ ގޯސްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ބަޣާވާތެއް ގެނެސް ނައިޖަރުގެ ރައީސް މުހައްމަދު ބަޒޫމް ވެރިކަމުން ދުުރުކުރުމުންނެވެ.

އަދި މިހާރު ވެރިކަމުގެ ކަންކަން ހަވާލުވެގެން އުޅެނީ މިލިޓަރީ ލީޑަރު އަބްދުއް ރަހުމާން ޝިއާނީއެވެ. އަދި ފްރާންސްއާ އެކު ހަދާފައި އޮތް މިލިޓަރީ އެއްބަސްވުން ވަނީ އުވާލައިފައެވެ.

އެހެންނަމަވެސް ފްރާންސްއިން ދަނީ އެއްބަސްވުން އުވާާލަން ދެކޮޅު ހަދަމުންނެވެ.

ނައިޖަރު އޮންނަނީ "ލޭންޑް ލޮކްޑް" ވެފައި ވުމާއެކު ފްރާންސްއަކަށް ސީދާ ނައިޖަރަށް ހަމަލާއެއް ނުދެވޭނެ އެވެ.

އަދި ނައިޖަރުގެ ބޯޑަރު ހިއްސާ ކުރާ މާލީ އަދި ބުރުކީނާ ފާސޯއަކީ ވެސް ފްރާންސްއާ ވަރަށް ދެކޮޅު ގައުމެކެވެ. އަދި އެ ގައުމުތަކުން ވެސް ކުރިން ވެރިކަން ކުރި ފްރާންސްގެ ގޮނޑިކޮއްކަ ސަރުކާރުތައް ވައްޓާލައި ބަޣާވާތެއް ގެނެސްފައެވެ.

ހަމަ އެހެންމެ ނަރިޖަރުގެ ބޯޑަރު ހިއްސާ ކުރާ ޗާޑާއި ބެނިން ވެސް އެ ގައުމުގެ ބިންތައް ބޭނުން ކޮށްގެން ނައިޖަރަށް ހަމަލާ ދޭން ދަނީ ދެކޮޅު ހަދަމުންނެވެ.

އެހެންވެ ހަމަ އެކަނި އޮތް ގޮތަކީ ނައިޖަރާ ބޯޑަރު ހިއްސާ ކުރާ ނައިޖީރިއާ ލައްވައި، ނައިޖަރަށް އަރައިގަނެ ކުރީގެ ސަރުކާރު އަލުން ރުޖޫޫއަ ކުރުމެވެ. އެއީ ޑިމޮކްރަސީ އަލުން އިއާދަ ކުރުމުގެ ނަމުގައެވެ.

އެކަން ކުރަން މަސައްކަތް ކުރަމުން ދަނީ އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އިކޯވާސް) ލައްވައެވެ. އިކޯވާސް މިހާރު ލީޑުކުރަމުން ދަނީ ނައިޖީރިއާއިންނެވެ.

އަދި ނައިޖަރުގެ ކުރީގެ ވެރިކަން އަލުން އިއާދަ ކުރަން ވަނީ މުހުލަތެއް ވެސް ދީފައެވެ. އެކަން ނުކޮށްފިނަމަ ސިފައިން ފޮނުވަން ނައިޖީރިއާގެ ރައީސް ވަނީ ސެނެޓަށް ހުށަހަޅުއްވައިފައެވެ.

އެެކަމަކު ނައިޖަރަށް ސަޕޯޓް ކުރާ ބުރްކީނާ ފާސޯ އާއި މާލީން ބުނީ ނައިޖަރަށް ހަމަލާ ދީފިނަަމަ އެ ގައުމުތަކުނެ ވެސް ނައިޖީރިއާއާ ދެކޮޅަށް ނުކުންނާ ކަމަށެވެ.

ނައިޖަރު، މާލީ އަދި ބުރްކީނޯ ފާސޯއިން ބުނާ ގޮތުގައި ފްރާންސްއިން އެ ގައުމުތަކުގައި ދަނީ ހަރުކަށި ފިކުރުގެ މީހުންނާ ހަނގުރާމަ ކުރާ ކަމަށް ބުނެ އެކަން ނިވާފަތް ގަނޑަކަށް ހަދައިގެން އެ ގައުމުތަކުގައި ތިބޭށެވެ. އަދި އަސްލު ހަގީގަތުގައި ފްރާންސްއިން ދަނީ ދީނީ ނިރުބަވެރި ހަނގުރާމަވެރިންނަށް އެހީވެސް ވަމުންނެވެ

ނައިޖަރަކީ ޔުރޭނިއަމުން ވަރަށް ބޮޑަށް މުއްސަނދިވެފައިވާ ގައުމެކެވެ. އެެހެންވެ ފްރާންސްއަށް ނައިޖަރު ވަރަށް މުހިންމެވެ.