ކުއްލި ނުރައްކަލުގެ ހާލަތު ތަންފީޒު ކުރާނީ ރައީސުލްޖުމްހޫރިއްޔާގެ އިހުތިޔާރާއެކު ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ރީކޯ މިހެން ވިދާޅުވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައި ގާނޫނުއަސާސީ އިސްލާހު ކުރުމަށް ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ވާހަކަދައްކަވާފައިވާތީއެވެ.

ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) މަޖިލިހަށް، ރާއްޖޭގެ ހާލަތު އާއްމު ހާލަތަކަށް ރުޖޫއުވެ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމާއި ހަމައަށް މިހާރު ހިނގަމުންދާ ކައުންސިލްގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅާފައެވެ.

މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތަކީ ދައުލަތުގެ ތިންބާރުގެ ތެރެއިން ވެރިކަން ކުރާ ބާރުން ކުރަން ކަނޑައަޅާފައިވާ ކަމަކަށްވާ ނަމަ ސިއްޙީ ގޮތުން ވިޔަސް ނުވަތަ އެހެން ކާރިސާ އަކުންވިޔަސް އެކަން ތަންފީޛު ކުރަމުންދާނީ ރައީސުލްޖުމްހޫރިއްޔާ ގެ ފުރިހަމަ އިޚްތިޔާރާއެކު ކަމަށެވެ. އަދި އެކަން ޤާނޫނުޢަސާސީ އިން ދޭހަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

"ރައްޔިތުމީހާގެ އަތުގައި އޮތް ވޯޓުލުމުގެ ހައްގު މަޖިލީހަށް އަތުލާފައި މެންބަރުން ގާނޫނު އަސާސީ އިސްލާހުކޮށްގެން އިންތިހާބީ މަގާމުތަކުގައި މީހުން ބޭތިއްބުމަކީ ރައްޔިތުންގެ ހައްގަށް އުނިކަން ލިބޭކަމެއް ނޫންކަމަށް މެންބަރުން ދެކޭއިރު ކޮބާ މަގޭ ވޯޓު؟ މި ހަނދާން ނެތުނީ މިހާރު،" ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޓެގު ކުރައްވާ މޫސަ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވިއެވެ.

ގާނޫނުއަސާސީ މި ދަނޑިވަޅުގައި އިސްލާހު ކުރުމަށް ދެކޮޅު ހެއްދެވި އެއް މެންބަރަކީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ. އެގޮތުން އާޒިމް ވިދާޅުވީ މި ހާލަތުގައި [ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައިވާ ވަގުތުގައި] ގާނޫނުއަސާސީ އިސްލާހު ކުރަން ނުވާނެ ކަމަށެވެ. އަދި އެކަން ކުރަންވާނީ އާއްމު ހާލަތަކަށް ގައުމުގެ ހާލަތު ދިއުމުން ކަމަށްވެސް ވިދާޅުވިއެވެ. އާޒިމް އެފަދައިން ވިދާޅުވި ނަމަވެސް ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ މި ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރުމުގެ އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮކްޓޭލ އަލިބެ

    ފަލަސުރުޙީއައް ނޭރިޔަސް މިގައުމުގެ އެންމެން ދަންނަ ސިއްރެކޭ ތިޔައީ ރައީސުލް ޖުމްހޫރިއްޔާ އަށް ލިބި ވަޑައިގެންފައިވާ ބޭއިހްތިޔާރެއްގެ ދަށުން ކޮންމެ ކަމެއްވެސް ކުރެވިދާނެޔޭ