ލ. ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ލ.ފޮނަދޫ ޒުވާނުންގެ ގުޅުމާއި ފޮނަދޫ ކައުންސިލްއާ ގުޅިގެން މާރިޗް 20 އިން 27 އޭޕްރިލްއަށް ލ.ފޮނަދޫގައި ކުރިޔަށް ގެންދިޔަ ޖަނާއިޒު ކޯހުގައި ބައިވެރި ދަރިވަރުންގެ ތެރެއިން އެކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. ސެޓްފިކެޓް ހަވާލުކޮށްފައިވަނީ މިއަދު ލ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ހަފްލާއެއްގައެވެ.

މިހަފްލާގެ ޝަރަފުވެރި އައްޝެއިޚް މުޙައްމަދު ޙަލީމް, ކޯހުގެ ބައިވެރިންނަށް މުޚާތަބު ކުރައްވަވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކޮންމެކަމަކީވެސް ގިނަ ދުވަސްވުމުން ހަނދާންނެތޭނެ އެއްޗެއް ކަމަށާއި ދޭތެރެ ދޭތެރެއިން ކޮންމެ ކަމެއްވެސް މުރާޖަޢާ ކުރަން ޖެހޭކަމަށެވެ.

" ކޮންމެ ކަމެއްވެސް ނުކޮށް ގިނަ ދުވަސްވުމުން ހަނދާން ނެތޭނެ. ކަށުކަމާ ކެމީގެ ކަންތަކުގައިވެސް މިކަން އޮންނާނީ މިގޮތަށް ދޭތެރެ ދޭތެރެއިން ހަނދާން ދީފައިވާ ކަރުދާސްތައް ކިޔާާ ހަނދާން އާ ކުރަންޖެހޭނެ. " ޝެއިޙް ވިދާޅުވިއެވެ.

ޝެއިޚް އިތުރަށް ވިދާޅުވީ، މިއަދު މިއީ މުޅި ލާމު އަތޮޅަށްވެސް ލިބުނު ކުރިއެރުމެއް ކަމަށާއި ކޯހުގެ ބައިވެރިން ކަށުކަމާކެމީގެ ކަންކަން ހިތުން ރުހުމުން ކުރާހޮތުންކޮށްދޭނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.

ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކުރަނީ. ފޮޓޯ މުޙައްމަދު ޒައިލަމް

"ވަގުތު" އަށް ދެއްވި އިންޓަރވިއުއެއްގައި މިކަން ރާވާ ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވި ލ. ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ އަލްފާޟިލާ ފާތިމަތު ޒަޢީމާ ވިދާޅުވީ, މިކޯސް ބޭއްވުމުގެ ޚިޔާލު އެފަރާތްތަކަށްއައީ އަންހެނުންގެ ތެރޭގައި ހިނަވާ ކަފުންކުރާނެ މީހުން ނެތުމުގެ މައްސަލަ ބޮޑުވުމުން އެކަން ހައްލު ކުރުމަށްޓަކައި ކަމަށެވެ.

"ފޮނަދޫގައި ޖަނާއިޒު ކަންތައްތަކުގަ އުޅޭ މީހުން ވަރަށް މަދު. ޚާއްސަކޮށް. އަންހެނަކު ނިޔާވެއްޖިއްޔާ އެކަމުގައި އުފުލަންޖެހޭ ތަކުލީފު ވަރަށް ބޮޑު. އެކަން އަންހެނުން ކޮމެޓީއަށް ވިސްނިގެން މިދާއިރާއަށް އަންހެނުން ބިނާ ކުރުމަށް ޝައުގުވެރިކަން ހުރީމަ މިކަން ކުރިޔަށް ގެންދިޔައީ " ރަށުގައި ރަށުގައި ނުކުރެވި ހުރި ކަންތައް ތަކަށް އިސްކަން ދީގެން އެކަންކަން ކުރާ ބައެއް ކަމުގައިވާ އަންހެނުންގެ ކޮމެޓީގެ ރައީސާ ޒަޢީމާ ވިދާޅުވިއެވެ.

ޒަޢީމާ އިތުރަށް ވިދާޅުވީ މިކޯސް ފުރިހަމަކުރި 29 ބައިވެރިންގެ ނަމާއި ގުޅޭނެ ނަންބަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފޭސްބުކް ޕޭޖްގައި އާއްމު ކުރާނެ ކަމަށާއި، ރަށުގެ މީހަކު ނިޔާވެއްޖެނަމަ މިބޭފުޅުންނާއި ގުޅުއްވާ ކަށުކަމާކެމީގެ ކަންކަން ކުރިޔަށް ގެންދެވޭކަމަށެވެ.

މިކޯސް 29 ބައިވެރިން ފުރިހަމަކުރިއިރު، މީގެ ތެރެއިން 27 ބައިވެރިންނަކީ އަންހެން ބޭކަނބަލުންކަން ފާހަގަކޮށްލެވެއެވެ.