ފަންބޮނޑި މޯލްޑިވްސް އަށް ލާމް ފޮނަދޫގައި 'އޯޕަން އެކްސަސް ފައިބަރ ނެޓްވޯކެއް' ގާއިމް ކުރުމުގެ ހުއްދަ ލ. ފޮނަދޫ ކައުންސިލުން ނުދީ ހިފަހައްޓާފައި ވަނީ ގަވައިދާއި ހިލާފަށް އުސޫލުން ބޭރުން ކަމަށް ލާމް އަތޮޅު ކައުންސިލުން ބުނެފި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ފައިބަރ އޯޕަން އެކްސެސް ނެޓްވޯކެއް ގާއިމް ކުރިފަންބޮނޑި މޯލްޑިވްސް އަށް ލާމް އަތޮޅު ކައުންސިލުން ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ފޮނަދޫ ކައުންސިލުން ހުއްދަ ނުދިނުމަށް ނިންމާފައިވާ އިރު މިއަދާއި ހަމައަށް އެކަމުގައި ފޮނަދޫ ކައުންސިލުން އަމަލް ކުރާނެ އުސޫލެއް ވެސް ނެތް ކަމަށެވެ.

ފޮނަދޫ ކައުންސިލު ރައީސް އަހުމަދު ރިޔާޒު ސޮއިކުރައްވާ އެކުންފުންޏަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އެރަށުގައި މިހާރު ވެސް ތިން ފަރާތަކުން ފައިބަރ އޯޕަން އެކްސަސް ނެޓްވޯކެއް ގާއިމްކޮށް ހިދުމަތް ދެމުންދާތީ ހުއްދަ ދެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް ފަންބޮނޑި މޯލްޑިވްސް އިން އެލްޖީއޭއަށް ފޮނުވާ ސިޓީގައި ބުނެފައި ވަނީ އެރަށުގައި އޯޕަން އެކްސެސް ނެޓްވޯކެއް ގާއިމްކޮށްފައި ނުވާ ކަމަށާއި ހަމައެކަނި ފައިބަރ ނެޓްވޯކެއް ގާއިމްކޮށްފައި ވަނީ ދިރާގުން ކަމަށެވެ.

ގާތް ގަނޑަކަށް ފަސް މިލިޔަން ރުފިޔާއަށް ވުރެ އަގުބޮޑު ޕްރޮޖެކްޓަށް ގަވައިދާއި ހިލާފަށް އުސޫލެއް ހަމައެއް ނެތި، ފޮނަދޫ ކައުންސިލުން ހުރަސް އަޅާ ހުއްދަ ނުދިނުމަށް ނިންމާފައިވާ އިރު ފަންބޮނޑިން ވަނީ މިމައްސަލަ މިހާރު ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ވެސް ހުށަހަޅާފަ އެވެ.

ފަންބޮނޑިން ބުނީ ރަށްރަށުގެ ތަރައްގީ އާއި މުޅި ރައްޔިތުންގެ ކުރި އެރުމާއި މުޖުތަމައުގެ ފައިދާ އާއި ގުޅިފައިވާ މިފަދަ އަސާސީ ހިދުމަތްތައް ދިނުމަށް ކައުސިލްތަކުން ގާނޫނާއި ގަވައިދާއި އުސޫލުތަކުގެ ބޭރުން ހުރަސް އެޅުމަކީ މުޅި ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

ފަންބޮނޑީގެ ޑިރެކްޓަރ އޮފް އޮޕަރޭޝަން ފާތިމަތު އާސިޔާ ވިދާޅުވީ ފޮނަދޫގެ ކުރިއެރުމާއި ޒުވާން ޖީލްގެ ތަރައްގީގެ ކުރިއެރުމާއި ގުޅިފައިވާ މިފަދަ ޕޮރޮޖެކްޓަކަށް ކައުންސިލުން ގާނޫނާއި ގަވައިދާއި ހިލާފަށް ހުރަސް އަޅަމުން ގެންދާތީ ހިތާމަ ކުރައްވާ ކަމަށެވެ.

" މި ޕޮރޮޖެކްޓް ހިންގުމުން ފޮނަދޫ ކައުންސިލަށް ގެއްލޭނެ އެއްޗެއް އަޅުގަނޑަކަށް ނުވިސްނޭ. ގިނަ ބަޔަކު ހިދުމަތް ފޯރުކޮށްދިނިއްޔާ އޭގެ ފައިދާ އާއި ލާބަ ލިބޭނީ ހަމަ ފޮނަދޫގައި ދިރިއުޅޭ ރައްޔިތުންނަށް." އާސިޔާ ވިދާޅުވި އެވެ.

ފަންބޮނޑިން މިހާރު ވެސް ގެންދަނީ ރާއްޖޭގެ އިތުރު ހަތް ރަށުގައި މިފަދަ ނެޓްވޯކްތަކެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ފަންބޮނޑި އަކީ މިފަދަ ނެޓްވޯކްތައް ގާއިމް ކުރުމުގެ ތަޖްރިބާ ހުރި ކުންފުންޏެކެވެ.

ފައިބަރ އޯޕަން އެކްސަސް ނެޓްވޯކް އަކީ ޒަމާނީ ޓެކްނޮލޮޖީއަށް ވާސިލްވުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބޭނުން ކުރާ އިންފްރާސްޓަކްޗަރ ނިޒާމް އެކެވެ. މިއީ އެންމެ ކަނެޓްޝަނަކުން އެތަކެއް ޓެކްނޮލޮޖީގެ ހިދުމަތްތަކެއް ލިބިދޭ ގޮތަށް ފަރުމާކޮށްފައިވާ އިންފްރާސްޓަކްޗަރ ނިޒާމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިއްސެ

    ހަގީގަތަކީ ފޮނަދޫ ކައުންސިލް ރިޔާޒު އެމީހުން ހިންގާ ކޭބަލް ޓީވީގެ ހިދުމަތް ހުއްޓި ދާނެތީ ކޮއްގެން އުޅޭ ކަމެއް މިއީ. ރިޔާޒަކީ ވަރަށް ކަރަޕްޓް މީހެއް. އެމެރިކާ ބަޔަކަށް ވެސް އައިފޯނަކަށް ބޮޑު ބިމެއް ދޫކުރީ.