ރާއްޖެއިން ކޮވިޑް19 ފެނުމާއި ގުޅިގެން ލޭ ހަދިޔާ ކުރާ މީހުންގެ އަދަދު އިންތިހާއަށް މަދުވެ، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ހޯދުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ތެލެސީމިއާ ކުދިންގެ ފުރާނަ ސަލާމަތް ކުރުމުގެ ގޮތުން ކޮންމެހެން ގަވާއިދުން އަޅަން ޖެހޭ ލޭ ރައްކާ ކުރެވިފައިވާ ވަރު މިހާރު ވަނީ އިންތިހާ އަށް މަދުވެފައިކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް އިން ބުނެއެވެ. އެ ސާވިސްގެ އެސޯސިއޭޓް ޕީޑިއެޓްރިކްސް ޑރ. އަހުމަދު އުމަރު "ވަގުތު"އަށް ވިދާޅުވި އަމިއްލަ އިސްނެގުމުގައި ލޭ ހަދިޔާ ކުރާ މީހުންގެ އަދަދު މިހާރު ވަރަށް ބޮޑަށް ދަށް ވެފައިވާ ކަމަށެވެ. އަދި މިވަގުތު ވީހާވެސް ގިނަ ބަޔަކު ހޭ ހަދިޔާކޮށްދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19އާ ގުޅިގެން ލޭ ހަދިޔާކުރާ މީހުން މަދުވެފައިވާއިރު މިއީ އެމްބީއެސްއިން ލޭ ހަދިޔާ ކޮށްދިނުމަށް މީގެ ކުރިން ވެސް 2 ފަހަރެއްގެ މަތިން އެދުނު ކަމަށާ، އެ ފަހަރުތަކުގައި ވެސް މީހުން ލޭ ހަދިޔާކުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިހާރު އަޅުގަނޑުމެންނަށް ކޮވިޑް-19 އާއި ގުޅިގެން ލޭ ލިބުމުގައި ވަރަށް ބޮޑަށް ދަތިވާކަން ކުރިންވެސް ފާހަގަކުރިން. ބޮޑަށް މި ބަރޯސާ ވަނީ ބެލެނިވެރިން ނޫނީ، ބެލެނިވެރިން ހޯދާ ފަރާތްތައް." އުމަރު ވިދާޅުވިއެވެ.

އާއްމުކޮށް ލޭ ބޭނުންވާ، ގުރޫޕްތައް ކަމަށްވާ "އޯ" ޕޮޒިޓިވް އާއި "ބީ" ޕޮޒިޓިވްގެ އެއް ދުވަހަށް ބޭނުންވާ ވަރަށް ވެސް ރައްކާކުރެވިފައި ނެތް ކަމަށާއި އެ ނޫން އެހެން ގުރޫޕުތަކުގެ ލޭ ވެސް ރައްކާކުރެވިފައި ވަނީ މަދުން ކަން އޭނާ ފާހަގަކުރެެއްވިއެވެ.

ތެލެސީމިއާ ކުދިންނަށް ހަފްތާއެއްގެ މައްޗަށް 160 ޔުނިޓްގެ ލޭ ބޭނުންވެއެވެ. ކޮވިޑް-19 އާ ގުޅިގެން މީގެ ކުރިން ހިންގަމުން އައި ބްލަޑް ކޭޕްތައް ހުއްޓުމަކަށް އައުމާއި އެކު ލޭ ހަދިޔާ ކުރުން މަދުވި ނަމަވެސް، ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމް ހަމަޖައްސައި ދެމުން ދާ ކަން ފާހަގަކޮށްލެވެއެވެ.

ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން 3306089 އަށް ގުޅުމުން ލޭ ހަދިޔާ ކުރަން އައުމުގެ އިންތިޒާމް ހަމަޖައްސައިދެއެވެ. އުމުރުން 18 އަހަރު ފުރިފައިވާ، ބަރުދަނުގައި 45 ކިލޯ ހުންނަ މީހުންގެ ތެރެއިން، އެ މީހެއްގެ ހިމޮގްލޮބިން ކައުންޓް 12.5 އަށް ވުރެ މަތި މީހުންނަށް ލޭ ހަދިޔާ ކުރެވޭނެއެވެ.